ހުޅުމާލެއިން ގޯތި ވިއްކާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ފޯމު ބަލައިގަތުން މެދުކަނޑާލައިފިއެވެ.
ހައުސިންގ މިނިސްޓްރީގެ މުވައްޒަފަކު ބުނީ ވަގުތީ ގޮތުން ފޯމް ބަލައިގަތުމާއި ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިންގ މިނިސްޓްރީން ފޯމު ދޫކުރުމަށް އިއުލާނު ކޮށްފައި ވަނީ އާދިއްތަ ދުވަހުއެވެ. ޕްރެސް ކޮންފަރެންސްގައި ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ދޫކުރާނީ 1000 އަކަފޫޓުގެ ގޯތި ކަމަށާއި އަކަ ފޫޓެއް ވިއްކަނީ 400ރ. އަށް ކަމަށެވެ. މި ރޭޓުން ބަލާކަމުގައިވާ ނަމަ ޖުމުލަ އަގަކީ 400000 ރުފިޔާ ކަމަށެވެ.
ޑައުން ޕޭމެންޓްގެ ގޮތުގައި 25000 ރުފިޔާ ދެއްކުމަށް ފަހު ބާކީ ބައި 10 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރެއިން ބުރާސްފަތި ދުވަހާ ހަމައަށް ގޯއްޗަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ހޮނިހިރު ދުވަހާ ހަމައަށް ގުރުއަތު ނެގުން ކުރިއަށްދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ގިނަ ގޯތި ތަކެއް، މަދު ދުވަސްކޮޅެއްގެ ތެރޭގައި، ދޫކުރުމަށް އިއުލާނު ކުރި އިރު މީގެ ކުރިން ފްލެޓް ފަދަ މަޝްރޫއުތަކަށް ފޯމުތައް ބަލައިގަތުމަށް ދެމަސް ދުވަސް ވަރު ދެއެވެ. އެހެން ނަމަވެސް އަވަސް އަރުވާލައިގެން ގިނަ ބަޔަކަށް ގޯތި ދޫކުރުމަށް އިއުލާނު ކުރުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސ) އިން ވަނީ ގޯތި ދޫކުރުން ހުއްޓާލުމަށް އަންގާފައެވެ.
ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބު ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، މި މަރުހަލާގައި ސަރުކާރުގެ ބައެއް އޮފީސްތަކުން އާ މަޝްރޫއުތަކާއި ބޮޑެތި ހަރަދުތައް ހިންގަމުންދާތީވެ، އެކަންކަން ހުއްޓާލުމަށާއި އާ މަޝްރޫއެއް ނުފެށުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުން ވަނީ އެދިފަ އެވެ.