ޔޫރަޕިއަން ޔޫނިއަނުންގެ ވަފްދުގެ އެމްބެސަޑާރ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުއާއި ބައްދަލު ކުރައްވައިފިއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލު ކުރެއްވުމުގައި އީޔޫގެ އެމްބެސަޑާރ ޓަންގް-ލައި މަރގުއޭ، އާއި ޝަރީފު ވަނީ އިލެކްޝަންގައި ހިނގާދިޔަ ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
އޭގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކާއި، އަދި އެކޮމިޝަނަށް ދީފައިވާ އިންޒާރުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު އިލެކްޝަންޝް ކޮމިޝަންގެ ހަތަރު މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން އަވަށްޓެރި ސްރީލަންކާ އަށް ވަޑައިގަންނަވާފައެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ދުވަހުން ފެށިގެން އެ ކޮމިޝަންގެ މެމްބަރުން އުޅެން ޖެހިފައިވަނީ ވަރަށް ބިރުވެރި މާހައުލެއްގައި ކަމަށާއި އެ މެމްބަރުން ދިރިއުޅޭ ގެއަށް ދަންވަރު ގޭންގުތަކުން ވަދެ މަރާލާނެ ކަމުގެ އިންޒާރާއި ކޮށާލާނެ ކަމުގެ އިންޒާރުތައް ވެސް ދީފައިވާ ކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ.
ލަންކާގައި މި ވަގުތު ތިއްބެވީ އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން މެމްބަރު އިސްމާއިލް ހަބީބްއެވެ. މަރުގެ އިންޒާރުތަކާއި ގުޅިގެން އެމައްސަލަ ވަނީ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް 96،052 ވޯޓް ލިބިވަޑައިގެންނެވިއިރު އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާފައެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް ޕީޕީއެމް އިން ދަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ