ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށް ޚާއްސަ ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި އޭޑީކޭއިން ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ މިއަންނަ ހޮނިހިރު ދުވަހު ފަށާ މިކޭމްޕަކީ އޭޑީކޭއާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު މިކޭންޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރަން ހުޅުވާލާފައިވާ ކަމަށާއި، ހިތަދޫ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ނަންނޯޓު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އައްފާލް ވިދާޅުވީ މިކޭންޕަކީ ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ މީހުންނަށް ޚާއްސަ ކޮށްގެން ބާއްވާ ކޭންޕެއް ކަމަށާއި، މިބަލިތަކަށް ފަރުވާ ހޯދުމަށްދާ މީހުންނަށް ޚާއްސަ ސަމާލު ކަމެއްދޭނެ ކަމަށެވެ.
އައްފާލް ވިދާޅުވީ މިކޭންޕުގައި ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ހިލޭ ކަމަށާއި، ހިތާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ބައެއް ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި އިތުރު ފަރުވާއަށް ބޭނުންވާ މީހުންނަށް ކުރިއަށް ދިއުމަށް މަގުތަނަވަސް ކޮށްދޭނެ ކަމަށެވެ.
"ހިތަދޫ ހޮސްޕިޓަލުގައި މިކޭންޕު ބޭއްވިޔަސް މިއީ ދެކުނު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ ކޭންޕެއް. ކޮންމެ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ. އެންމެ ފަހު ވަގުތު ނަން ނޯޓު ކުރަން ނުތިބެ ވީހާ ވެސް އަވަހަށް ނަންނޯޓު ކުރަން އެދެނީ" އައްފާލް ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ މިކޭންޕުގައި ފަރުވާ ދިނުމަށް މަސައްކަތް ކުރާނީ އޭޑީކޭއިންދާ ޚާއްސަ ޓީމަކުން ކަމަށެވެ. އަދި މިޓީމުގައި ހިތުގެ ބަލިތަކާއި ބެހޭ ޚާއްސަ ޑޮކްޓަރަކާއި، ފުއްޕާމޭގެ އޮޕަރޭޝަން ތަކަށް ޚާއްސަ ޑޮކްޓަރެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެޑިކަލް އޮފިސަރެއްގެ މިކޭންޕުގައި ބައިވެރިވެއެވެ.
އައްފާލް ވިދާޅުވީ ދޭތެރެ ދޭތެރެއިން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ގުޅިގެން މިފަދަ ކޭންޕްތައް ކުރިއަށް ގެންދާ ކަމަށާއި، މިކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އަދި ހިތަދޫގައި ދެދުވަހަށް ކުރިއަށް ގެންދާ މިކޭންޕަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އައްޕާލް ވިދާޅުވިއެވެ.