ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކެސެލެންސީ ޖޯން-މައިން ޝުހް، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި އާދީއްތަ ދުވަހު އޮތް މި ބައްދަލުވުމުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހޯއްދެވި ކާމީޔާބީއަށް ސަފީރު ވަނީ މަރުޙަބާ ދަންނަވާފައެވެ.
އަދި ފަރަންސޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާއިން ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ފަރަންސޭސި ސަފީރު ވިދާޅުވި ކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.