ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދަމަހައްޓަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރ ފޯ އޭޝިއާ ޕެސިފިކް މާކް ފީލްޑް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ހުންނަވައިގެން ނަންގަވާފައިވާ ވީޑީއޯއެއްގައެވެ.
Fascinating first visit to Male’ at an important time in the history of #Maldives.
— Mark Field MP (@MarkFieldUK) October 7, 2018
My take on hopes for : pic.twitter.com/lrIBh9mRfJ
ރާއްޖޭގައި މީގެ ދެ ހަފްތާ ކުރިން ރިޔާސީ އިންތިހާބު ބާއްވާފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އިދިކޮޅު އިއްތިހާދުގެ މެމްބަރުންނާއި މިހާރުގެ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ބައްދަލު ކުރައްވާފައިވާކަމަށެވެ.
އަދި މިފަރާތްތަކާ ބައްދަލު ކުރައްވާ، ދިވެހި ރައްޔިތުންގެ ނިންމުން އެންމެ ފުރިހަމައަށް ދަމަހައްޓާނެކަމަށް އިނގިރޭސިވިލާތުގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔެއިން އުއްމީދު ކުރާކަން ވަރަށް ސާފުކޮށް ބުނެދެއްވިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 89 އިންސައްތަ ވޯޓްގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ފީލްޑް ވިދާޅުވީ، އިންތިހާބު 58 އިންސައްތައިން ކާމިޔާބުކުރެއްވި ސޯލިހްއާއި އެމަނިކުފާނުގެ ސަރުކާރާއި އެކު މަސައްކަތް ކުރުމަށް އިނގިރޭސިވިލާތުން އިންތިޒާރު ކުރާކަމަށެވެ.
މިނިސްޓަރ ފީލްޑް ރާއްޖެ ވަޑައިގެންފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެއް ދުވަހުގެ މިދަތުރުފުޅުގައި އެމަނިކުފާނު ގިނަ ފަރާތްތަކަކާއި ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސް ސޯލިހް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އިދިކޮޅު އިއްތިހާދުގެ ޕާޓީތައް ހިމެނެއެވެ. މީގެ އިތުރުން، ފޮރިން މިނިސްޓަރ މުހައްމަދު އާސިމްއާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދާވެސް އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.
މިނިސްޓަރ ފީލްޑްގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.