އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ސިވިލް ސޮސައިޓީތަކާއި ނޫސްވެރިންނާއި އާދީއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
ވަކި ވަކިން މި ބައްދަލުވުންތައް ބާއްވާފައިވަނީ ހޮޓެލް ޖެން ގައެވެ.
މާކް ފީލްޑް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
މާކް ފީލްޑް ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުންނާ މާކް ފީލްޑް ބައްދަލުކުރެއްވިއިރު، ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ކުރިއެރުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިވެދޭނެ ދާއިރާތައް ބައްލަވައި މަޝްވަރާ ކުރައްވާފައެވެ.