އައްޑޫ ސިޓީ މަރަދޫގައި ހޮނިހިރު ދުވަހުގެ ރޭގެ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހާލު ސީރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައިފަހުން އޭނާގެ އުއްމީދު ކަނޑާލައިފިއެވެ.
ހާލު ސީރިއަސްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާންގެ އާއިލާއިން ޑޮކްޓަރުންނާ ޙަވާލާދީ ރާއްޖެ އެމްވީއަށްވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ހިތަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އާއިލާއިން ބުނީ އެމްބިއުލާންސްގައި ގެންދާއިރު ދޭން ޖެހޭ ފަރުވާއެއް ދެވެން ނެތިގެން އައިޖީއެމްއެޗަށް ގެންދިއުން ހިސާބަކަށް ލަސްވި ކަމަށާއި އައިޖީއެމްއެޗަށް ޑޮކްޓަރުން ބެލުމަށް ފަހު އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޒަހަމްވީ މަރަދޫގައި ރޭ ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގަ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނައާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް ވިދާޅުވެފައި ވަނީ އީވާންގެ ބުރަ ކަށްޓަށާއި، ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ. އޭނާގެ ފުއްޕާމެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް 17 އަހަރުގެ ކުޑަ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކުއްޖާ ހައްޔަރުކޮށްފައި ވަނީ ފެރީގައި ހުޅުމީދޫއަށް ދިއުމުން އެރަށުން ކަމަށެވެ.