ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ވުޒާރާތަކުގެ ކަންތައް ހުރި ގޮތްތައް ބެއްލެވުމަށް ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ ޓީމްތަކަށް މިހާތަނަށް ނުވަދެވި އޮތީ ހައުސިންގ މިނިސްޓްރީއަށް އެކަނި ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީއިން ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންނަށް އެމައްސަލަ ހުށައެޅުއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އަސްލަމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީއަށް ވަނުމަށް އެދިލެއްވިކަމަށެވެ. އެހެން ނަމަވެސް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒަށް ވަގުތެއް ދެއްވެން އަންނަނީ މިމަހުގެ 10 ގައި ކަމަށް ވިދާޅުވެ، އެ މިނިސްޓްރީއަށް "ވަނަ ނުދެއްވިކަމަށް" އަސްލަމް ވިދާޅުވިއެވެ.
"މުއިއްޒަށް ވަގުތުފުޅު ނުވާކަމަށްވަންޏާ އަޅުގަނޑު ދެންނެވިން މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ފުރުސަތު ދެއްވުމަށް. އެހެން ނަމަވެސް އެއަށް ދެއްވި ޖަވާބަކީ ތިއަށް މިހާރު އަޅުގަނޑު އޮންނާނީ ޖަވާބު ދެއްވާފައޭ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.