ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ކުރަމުންދަނީ މުޒާހަރާ ނޫން ކަމަށާއި އެއީ މައުލުމާތު ދިނުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އާއެކު، އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އެ ޕާޓީން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ މުޒާހަރާ ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައި ބޭނުން ކުރެވޭނެ ކަމަށެވެ.
ޕީޕީއެމުން އިސްލާހު ހުށަހަޅައި ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވާ ގާނޫނެއްގެ ދަށުން މާލޭގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވާތީ، ސިއްދީގު ވިދާޅުވީ މާލޭގައި ޕީޕީއެމުން ކުރަނީ މުޒާހަރާ ނޫން ކަމަށެވެ.
"ކޮންމެ ރަށަކުން ވެސް ތިބޭފުޅުން ނުކުމެވަޑައިގަންނަވާށޭ. މުޒާހަރާ ކުރުމުގެ ހުއްދަ އޮންނާނެ އަތޮޅު ތެރޭގެ ކަންކޮޅުތަކުގައި. ތިޔަބޭފުޅުންނަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށްޓަކާ. މުޒާހަރާ ކުރުމަކީ ތިބޭފުޅުންނަށް ލިބިގެންވާ އަސާސީ ހައްގެއް. އެކަން ކުރެވޭނެ. ފުލުހުންނެއް އެކަމެއް ނުހުއްޓުވާނެ،" ސިއްދީގު ވިދާޅުވިއެވެ.
"މާލޭގައި އަޅުގަނޑުމެން މި ކުރަނީ މުޒާހަރާއެއް ނޫން. މިއީ މައުލޫމާތު ހިއްސާކުރުން. ވަގު ވޯޓުގެ މައުލޫމާތު ހިއްސާކުރުން،"
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރި ފަހުން، ޕީޕީއެމުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށެވެ. އިންތިހާބު ބޭއްވިތާ ހަތް ދުވަސް ފަހުން ފެށި މުޒާހަރާތައް މާލެ އާއި އަތޮޅު ތަކުގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ގޮވާލެއްވިއިރު، އެމަނިކުފާނު ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ހައްގު ހޯދުމަށް މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ރައީސް ޔާމީން ވަނީ ހަޖޫޖައްސަވާފައެވެ.
ނަމަވެސް ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ޕާޓީން ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތް ރޭ ވަނީ ވެފައެވެ.