ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށްބުނެ ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި އެވެ.ނަދީމުގެ ގާނޫނީ ވަކީލުން ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވަނީ ހައި ކޯޓުގައި ބާއްވައި، ދެ ފަރާތުން ބޭނުންވާ ވާހަކަތަކާއި ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުސަތު ދެއްވާފަ އެވެ. މި މައްސަލައިގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ ހުރިހާ އެންމެން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ނަދީމު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ބައެއް މައްސަލަތަކުގައި ހުކުމް ކޮށްފައިވާ ސިޔާސީ ބައެއް ފަރާތްތައް ކަފާލާތުގެ ދަށުން ހައި ކޯޓުން ދޫކޮށްފައި ވާއިރު، ދެން ތިއްބެވި ސިޔާސީ ބޭފުޅުންނާމެދު ވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ނަދީމުގެ މައްސަލައަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ނަދީމު ހައްޔަރުކުރި މައްސަލަ އެވެ. ނަދީމުގެ އިތުރު އަށް ބޭފުޅެއްގެ މައްޗަށް ސުޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ އެ އަމުރުގައި ސޮއިކުރައްވާފައިވާ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ފަސް ފަނޑިޔާރުންގެ ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލީ ހަމީދު ހިމެނެ އެވެ. އަދި ނަދީމުގެ އަނބިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަދީމު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުން ނަދީމުގެ މައްސަލަ ބަލަމުންދިޔަ، ގާޒީ ބަދަލުވެފައިވާ ސަބަބު ނަދީމަށާއި އޭނާގެ ގާނޫނީ ވަކީލުންނަށް އަންގާފައި ނުވާތީ، ފެންމަތިވި މައްސަލަ އެކެވެ.
ނަދީމު ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައަކީ ނަދީމުގެ މައްސަލަ ބެއްލެވި ގާޒީ ބަދަލުވެފައިވަނީ ރަނގަޅަށް ކަމަށް ކްރިމިނަލް ކޯޓުގެ ރެޖިސްޓަރާގެ ނިންމުން ކަމަށެވެ.
ނަދީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދެވެ. އެ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަދީމްގެ މައްޗަށް ކުރާ ދައުވާވެސް އިއްވާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުނުއިރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަހުމަދު ހައިލަމެވެ. ހައިލަމް އެއީ މިހާރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އެވެ.
ނަދީމުގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ނަދީމުގެ ޓެރަރިޒަމް މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި ގާޒީ ބަދަލުވެފައިވާއިރު އެސަބަބު ނަދީމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެ ނަމަ އެކަން މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ކޯޓުގެ އިސް ގާޒީ އަންގަންވަން ވާނެ ކަމަށް ބުނެފައިވާއިރު އެ އިޖްރާއަތު ފުރިހަމަ ކޮށްފައިނުވާ ކަމަށް ނަދީމުގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާތީ ކަމަށް ބުނެއެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވެެއެވެ.