ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
އާދީއްތަ ދުވަހު ހެނދުނު 9:15 ގައި ހައިކޯޓުގައި މި މައްސަލަ ތާވަލްކޮށްފައިވާއިރު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަދީމް މިދިޔަ މަހުގެ 24 ވަނަ ދުވަހު ދޫކޮށްލީ، އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު އެކޯޓުން ބާތިލް ކުރުމުންނެވެ،
ނަދީމް ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ނުކޮށް ކުއްލި ޙާލަތު އިއުލާނުކުރުމަށް ފަހު ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭގަ އެވެ. ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ޖެހުން ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހްމަތުކޮށްފަ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވެއެވެ.
ނަދީމްގެ ޤާނޫނީ ވަކީލް އިބްރާހީމް ޝަމީމް ރާއްޖެ އެމްވީއަށް ވިދާޅުވީ އާދީއްތަ ދުވަހު ބާއްވަނީ ނަދީމް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ކަނޑައަޅައި ދިނުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ އެއަމުރަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނެރެވޭނެ އަމުރެއް ނޫން ކަމަށެވެ.