މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖެޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ބައިވެރިވި ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އަގު ވަޒަން ކުރުމުގެ ހަފުލާއެއް ބާއްވައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ސައިރިކްސް ކޮލެޖްގައި ބޭއްވި ހަފުލާގައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ އިތުރުން، އިންތިޚާބުގެ ނަތީޖާ ރަށްރަށުން ގެނައުމާއި އެންޓަރކުރުމުގައި ހަރަކާތްތެރިވި ޓީމްގެ 40 ކުދިންނަށް ސެޓްފިކެޓާއި އިނާމު ދިނެވެ. އަދި ކަވަރޭޖްގައި އާދަޔާ ޚިލާފު ހަތަރު ހަތަރު ފަރާތަކަށް ވެސް ހާއްސަ އިނާމު ދިނެވެ. އެ ހާއްސަ އިނާމު ލިބުނީ ރާއްޖެ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމާއި، ވީޑިއޯ ޖާނަލިސްޓް މުރުޝިދު އަބްދުލް ހަކީމާއި، ކެމެރާމަން އަހްމަދު މަމްދޫހް އަދި ޑޭޓާ އެންޓްރީ ޓީމްގައި މަސައްކަތް ކުރި ޝަހުމް ޝައިން އެވެ.
މި ހަފުލާގައި ރާއްޖެޓީވީގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވީ ރައްޔިތުންނާއި ހަމައަށް އިންތިހާބުގެ ނަތީޖާ އެންމެ އަވަސްކަމާއެކު ގެނެސްދިނުމަށްޓަކައި މަސައްކަތްކުރި ޓީމްގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި އިލެކްޝަންސް ކަވަރޭޖް ޓީމުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ޓީމް ކުޅެން ދަނޑަށް ނުކުތީ ވެސް އަމާޒެއް އޮވެގެން ކަމަށާއި އެއީ އެންމެ އަވަހަށް ނަތީޖާ ގެނެސްދިނުން ކަމަށް އަހްމަދު ސަލީމް ވިދާޅުވި އެވެ.

އިންތިޚާބާ ގާތްވަމުން ދިޔައިރު ވެސް އެތައް ގޮންޖެހުންތަކެއް ރާއްޖެ ޓީވީއަށް ކުރިމަތިކުރަމުންދިޔަ ނަމަވެސް، ރައްޔިތުން އެދޭ ފަދަ ގޮތަކަށް ކަވަރޭޖާއި އިންތިޚާބުގެ ނަތީޖާ ގެނެސްދެވުނީ، ރާއްޖެ ޓީވީގެ މުވައްޒަފުންނާއި ޑޭޓާ އެންޓަރ ކުރި ކުދިންނާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތެރިވި މޮނިޓަރުންގެ މަސައްކަތުން ކަމަށް ވެސް އަހްމަދު ސަލީމް ވިދާޅުވި އެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ އިންތިހާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވި އެންމެ ފަހުރުވެރި ޓީމަށް ރާއްޖެޓީވީގެ ޓީމް ވާނެ ކަމަށާއި އިންތިހާބުގެ އެންމެ ފުރަތަމަ މަންޒަރާއި އެންމެ ފުރަތަމަ އަޑާއި އެންމެ ފުރަތަމަ ނަތީޖާ ގެނެވުނު ޓީމަށް ރާއްޖެޓީވީގެ ޓީމްވެގެން ދިޔަ ކަމަށެވެ. އެ ނަތީޖާ ހާސިލު ކުރެވުނުއިރު، އިންތިޚާބަށް ރާއްޖެ ޓީވީ ތައްޔާރުވެފައި އޮތީ ވަރަށް ވަރުގަދަ އަށް ޕްލޭން އޭ، ޕްލޭން ބީ، އަދި ސީ ވެސް ހަދައިގެން ކަމަށެވެ.
ރާއްޖެޓީވީން މިފަހަރު ގެނެސްދިން އިލެކްޝަންޝް ކަވަރޭޖްގެ މަސައްކަތް ރާއްޖޭގެ ރައްޔިތުން ފާހަގަކޮށް ބަލައިގަނެފައިވާއިރު ބޭރު ޤައުމުތަކުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ރާއްޖެޓީވީގެ މަސައްކަތް ބަލައިގަނެ އެކަމަށް މަރުހަބާ ކިޔާފައެވެ.