ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރަމުންގެންދާ މަސައްކަތުގައި ޓްރާންސިޝަން ކޮމިޓީތަކުން ސަރުކާރުގެ ކުންފުނިތަކާއި ކޯޕަރޭޝަންތަކާ ބައްދަލުކުރަން ފަށައިފިއެވެ.
އެގޮތުން އެ ކޮމިޓީތަކުން ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ މަސް ކުންފުނި މިފްކޯ އާއި ކުޅިވަރާއި ސްޕޯޓްސް ކޯޕަރޭޝަން އަދި މުއާސަލާތީ ކުންފުނި ދިރާގާ ބައްދަލުކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ އިތުރުން ޚަޒާނާ ކުންފުންޏާ ވެސް މިއަދު ވަނީ ޓްރާންސިޝަން ކޮމިޓީތަކުން ބަައްދަލުކޮށްފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާ ވެސް އަމާން އޮމާން ކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި އާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ޑައިރެކްޓާ އޮފް ޓްރާންސިޝަން އައްޔަން ކުރެވުމާ އެކު، ސަރުކާރުގެ އެކި އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ކުންފުނިތަކާ އެކު ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެގޮތަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެ ތަންތަނުން ރައްޔިތުންނަށް ދެމުން ގެންދާ އެއްވެސް ޚިދުމަތެއް ނުހުއްޓި ދެވޭނެ ފަދަ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މި ދަނޑިވަޅުގައި ވަޒީފާތަކަށް މީހުން ނެގުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ކުރިއަށް ނުގެންދެވުމަށް އެދުމާއިއެކު އެތަންތަނުގެ މަސައްކަތްތައް ހުރި ނެތް ގޮތް ބެލުމަށެވެ.