އިނގިރޭސީ ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެ ވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ފަހު ޖަމީލު ރާއްޖެ ވަޑައިގެންނެވުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފައުންޑާ ގާސިމް އިބްރާހިމެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދާއި ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.
ޖަމީލު ރާއްޖެ ވަޑައިގެންނެވުމަށް ފަހު، އެއާޕޯޓުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާ ހިލާފުތަފާތުވި ކޮންމެ ބޭފުޅަކު، ބަންދުކޮށް، އެކަހެރިކުރެވިގެން ދިޔައީ އިއްތިފާގަކުން ނޫން ކަމަށާއި ނަމަވެސް އެ ދުވަސްތައް މާޒީވެ، ސިޔާސީ ހުރިހާ ބޭފުޅުން އެކުގައި ރާއްޖޭގައި މަސައްކަތް ކުރަން ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޖަމީލު ރާއްޖެވަޑައިން ބޭރަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މެއި މަހުއެވެ. އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ނާއިބު ރައީސްކަމުގެ މަގާމުން ޖަމީލު ވަކިކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ 78 މެމްބަރުންގެ އަގުލަބިއްޔަތުން ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ދުރުކުރެއްވުމަށް ފަހު، އެ މަގާމަށް މަޖިލީހުން އައްޔަން ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދީބު އެ މަގާމަށް އައްޔަން ކުރީ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްކުރިތާ ޖެހިގެން އައި ދުވަހުއެވެ.