އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރު ގާއިމު ކުރެވެންދެން ދައުލަތުގެ މުދާ ވިއްކުމާއި ވިޔަފާރީގެ މުއާމަލާތްތަކަށް ނުކުރުމަށާއި ވަޒީފާ ދިނުމާއި މުސާރަ ބޮޑުކުރުން ފަދަ ކަންކަން ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް އަންގާފައިވާ ކަމަށް އިބޫގެ ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމަށް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ކަންޑައަޅުއްވާފައި ވަނީ އަބްދުﷲ ޝާހިދުއެވެ. އަދި ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް (ސީވިޑް ލަތީފް) އައްޔަން ކުރައްވާފައިވާއިރު، އެކި ދާއިރާތަކުން މަސަައްކަތް ކުރާނެ ކޮމެޓީތަކެއް ވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން ފޮރިން ކޮމެޓީ އާއި އިކޮނޮމިކް ކޮމެޓީ އާއި ޑިފެންސް އެންޑް ސެކިއުރިޓީ ފަދަ ކޮމެޓީތަކެއް އުފައްދަައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެެރިންނާ ބައްދަލު ކުރައްވައި، ގެންދަވަނީ މަޝްވަރާތައް ކުރައްވަމުންނެވެ.
ސަރުކާރު ބަދަލުކުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީތަކާ އެކު ހޮނިހިރު ދުވަހު ޝާހިދާިއި ލަތީފް ބައްދަލު ކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ދައުލަތުގެ މުދާ ވިއްކުމާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ ވާހަކަތަކާއި ވަޒީފާއަށް މީހުން ވެއްދުމާއި މުސާރަ ބޮޑުކުރުން ފަދަ ކަންކަން ސަރުކާރުގެ އޮފީސްތަކުން ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.
"ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އުސޫލެއް ހަމައެއް ނެތި މަގާމުގެ ކުރިއެރުން ދެއްވުމާއި، މުސާރަ ބޮޑު ކުރެއްވުން، ޕްރޮޖެކްޓްތައް އުސޫލެއް ހަމައެއް ނެތި ސޮއިކުރަމުން ގެންދިއުން، ދައުލަތުގެ މުދާ، ގޯތި، ފްލެޓް އަދި އެނޫންވެސް މުދާ ހަމައެއް އުސޫލެއްނެތި ވިއްކަމުންދާ ކަމުގެ މައުލޫމާތަކާއި ޚަބަރުތައް މީޑިއާތަކުގައާއި މީސްމީޑިއާތަކުގައިވެސް ފެތުރެމުންދޭ. އެކަމާ ގުޅިގެން އަޅުގަނޑުމެން މިހާރު ވާނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސިޓީއެއް ފޮނުވާފައި. އެފަދަ ކަންތައްތައް ސަރުކާރުގެ އިދާރާތަކުން ކުރައްވަމުން ގެންދަވާނަމަ އެކަން ހަމަމިހާރުން މިހާރަށް ހުއްޓާލެއްވުމަށް. އެއީ ޓްރާންސިޝަން މިދުވަސްވަރަކީ އެފަދަ ކަންތަކަށް ޖާގަ ލިބިދޭ މުއްދަތެއް ނޫން. މިފަދަ ޓްރާންސިޝަނެއްގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ މުދާ ވިއްކާފައިވާ ނަމަ އެ ވިއްކަމުން ގެންދަނީ އިހުލާސްތެރިކަމެއް ނެތި،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ކަންކަން ކުރިއަށްދާއިރު އެފަދަ އަމަލުތައް ކުރުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވެސް ވަނީ އެދިފައި ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ އެފަދަ އަމަލުތައް ހުއްޓުވުމަށް އޭސީސީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ
"މިހާތަނަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ލިޔުމުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުން ވާނީ އަންގާފައި، ކުރިން ވެސް ދެންނެވިހެން، އެފަދަ މުއާމަލާތްތައް ހުއްޓާލުމަށް. އެހެންވީމައި އަންނަން އޮތް ސަރުކާރަށް 40 ހަކަށް ދުވަހަށް ވެފައިއޮތްވައި، ދައުލަތުގެ މުދާ ކަމަށްވާ ބިންތަކާއި ގޯތިތަކާއި އެއްޗެހި ވިއްކާލައި، ހަމައެއް އުސޫލެއްނެތި އެކަހަލަ ކަންތައްތައް ކޮށްފައި ހުރިއްޔާ އެކަންތައްތައް ހިމެނިގެންދާނީ އިހުލާސްތެރިކަމެއް ނެތި ދައުލަތަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކޮށްފައިހުރި ކަމެއްގެ ގޮތުގައި. އެކަން އެގޮތަށް ދެކެވަޑައިގަންނަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ހުއްޓުވަމުން އެގެންދަވަނީ،" ދައުލަތަށް ގިނަ ދުވަހު ހިދުތަމަތްތަކެއް ކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެ ދިވަޑައިގަތުން ސަރުކާރުގެ ހުރިހާ އިދާރާތަކުން އިހުތިރާމު ކުރައްވައި އެގޮތަށް އަމަލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޝާހީދު ވިދާޅުވީ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާން ކަމާ އެކު މަޝްވަރާ ކުރެވިގެން ކަމަށާއި ބޭނުމަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ފޯރުކޮށްދެންޖެހޭ ހިދްމަތްތައް ފަސް ޖެހުމެއް ނެތި، އަދި މިއަށް ވުރެ ވެސް ފުރިހަމައަށް ރައްޔިތުންނަށް ހިދްމަތް ފޯރުކޮށްދިނުން ކަމަށެވެ.