ނުހައްގު މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ހަމަ އެކަނި ގޮތަކީ ނުހައްގު މުއްސަދިކަމަކީ ޖީނާއީ ކުށަކަށް ހަދައި ޤާނޫނެއް ފާސްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. އަލީ ހުސެއިން ކުރައްވާފައިވާ ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ސިޔާސީ މަޤާމްތަކުގައި ތިބި ހުރިހާ އެންމެނާއި އެމީހުންނާއި ގުޅުން ހުރި މީހުންގެ އަތުގައި ހުރި ނުހައްގު މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ހަމަ އެކަނި ގޮތަކީ ނުހައްގު މުއްސަދި ކަމަކީ ޖިނާއީ ކުށަކަށް ހަދައި ގާނޫނެއް ފާސްކޮށް ހިންގުން ކަމަށެވެ.
Siyaasee magaam thakugai thibi huriahaa enmennaai e meehunnaai gulhun huri meehunge athugai huri nuhaggu mudhalaai faisaa dhaulathah anburaa hoadheyne hamaekani gothakee nuhaggu musandhikamakee jinaaee kushakah hadhai gaanooneh faaskoh hingun.
— Ali Hussain (@AleeVoice) October 6, 2018
އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނިމިގެންދާއިރު އެ މަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކީ ރާއްޖޭގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަންގެ އަމަލުތަށް ހިންގާފައިވާ 5 އަހަރު ކަމަށް ރައްޔިތުންދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލަތަށް ހާމަކަންބޮޑުގޮތެއްގައި ބެލުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންދަނީ ގޮވާލަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތަކަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި އޭސީސީން ބަލާފައިވާ ރައީސް ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ޖަމާކުރެވުނު ފަސްލައްކަ އެމެރިކާ ޑޮލަރުގެ މައްސަލައާއި ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރު ކުއްލިއަކަށް މުއްސަނދި ވެގެން ދިޔަ އެ މަނިކުފާނުގެ ޕާޓީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މައްސަލަތަކެއެވެ.
އެތައް މިލިއަން ޑޮލަރެއް ރައްޔިތުންގެ ރައުސުލްމާލުން ގެއްލިގެން ދިއުމުން އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާއިމް ކޮށްދިނުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ވެސް ވަނީ ގޮވާލާފައެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރްހަލާ ފެށިގެން މިހާރު ކުރިއަށްދާއިރު އައު ސަރުކާރާ ވެރިކަން ހަވާލުކުރުމުގެ މަރުހަލާ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގޮވާލަމުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނެފައިވަނީ އެތައް މިލިއަން ޑޮލަރެއް ރައްޔިތުންގެ ރައުސުލްމާލުން ގެއްލިގެން ދިއުމުން އެކަން ކުރި ފަރާތްތައް ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން މެނުވީ އާ ސަރުކާރުގެ ފެށުން ފެށޭ ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ފާލެއްކަމުގައި ނުބެލެވޭ ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ސައްހަކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި ދެފުށް ފެންނަ ގޮތަށް އެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އަދި ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ ޑީލުތަކާއި ސިއްރު އެއްބަސްވުންތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އެ ބައްދަލުވުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.