ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުންގ-ބަކް 15 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓުން ހުކުމް ކޮށްފިއެވެ.
2008 އިން 2013 އަށް ދެކުނު ކޮރެއާގައި ލީ ވެރިކަން ކުރައްވާފައިވާއިރު ކޮރަޕްޝަންގެ އެތައް މައްސަލައެއްގެ ކުށް ސާބިތުވެ އިއްވާފައިވާ ޖަލު ހުކުމުގެ އިތުރުން އޭނާ ވަނީ 11.5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.
ލީ ވެވަޑައިގެންފައިވަނީ ދެކުނު ކޮރެއާގެ ވެރިކަން ކުރެއްވި ކުރީގެ ރައީސުންގެ ތެރެއިން ހަތަރުވަނައަށް ޖަލަށް ލުމަށް ހުކުމް ކުރި ރައީސަށެވެ.
ޖަލުހުކުމް ލީގެ މައްޗަށް އިއްވާފައިވާއިރު އެމަނިކުފާނުގެ ސިއްހީ ހާލަތު ތަން ނުދޭތީކަމަށް ވިދާޅުވެ ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ހުކުމް ކޮށްފައިވަނީ ލީގެ ޣައިރު ހާޒިރުގައެވެ. ލީއަށް ހުކުމް ކުރި ޝަރީއަތުގެ މަޖިލީސް ވަނީ ޓީވީން ދައްކާފައެވެ.
އުމުރުފުޅުން މިހާރު 76 އަހަރުގެ ލީގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު ރިޔާސީ ގެކޮޅުގައި ހުރި މުހިއްމު ސިއްރު ލިޔުންތައް އަމިއްލަ ގެކޮޅަށް ގެންދެވުމާއި، ސެމްސަންގް ކުންފުނިން ރިޝްވަތުގެ ގޮތުގައި 5.4 މިލިއަން ޑޮލަރު ނެންގެވުމާއި އެހެން މީހެއްގެ ނަމުގައި ލީ ހިންގަވާ ކުންފުންޏަކުން ނާޖާއިޒު ގޮތުގައި ފައިދާ ހޯއްދެވުން ހިމެނެއެވެ.

ލީ ގެ އިތުރުން އެމަނިކުފާނަށްފަހު ވެރިކަމަށް 2013 ވަނަ އަހަރު ވަޑައިގެންނެވި ކުރީގެ ރައީސް ޕާކް ގިއުން ހައިގެ މައްޗަށް ވެސް ވަނީ ޖަލަށް ލުމަށް މިއަހަރުގެ އެޕްރީލް މަހު ހުކުމް ކޮށްފައެވެ. ދައުރު ހަމަނުވަނީސް ޕާކް ވެރިކަމުން ދުރުކުރެވުނީ މާޗް 2017 ގައެވެ. އެކަމަނާގެ މައްޗަށް ކޮރަޕްޝަނާއި، މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމާއި، ދައުލަތުގެ ސިއްރުތައް ބޭރުކުރުމުގެ ދައުވާތައް ސާބިތުވިއެވެ. އުމުރުފުޅުން 66 އަހަރުގެ ޕާކްގެ މައްޗަށް އިއްވާފައިވަނީ 24 އަހަރަށް ޖަލަށް ލުމަށާއި 17 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.