އިންތިހާބީ ސަރުކާރުން ހާމަކަން ބޮޑު އަސާސެއްގެ މަތީގައި ވެރިކަން ފަށައިފިކަމުގައިވާނަމަ ކުރިއަށް އޮތްތަނުގައި އެފަދަ ސަގާފަތެއް އަށަގަނެވޭނެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވެސްގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 60 މިނިޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އައު ސަރުކާރާ ވެރިކަން ހަވާލުކުރުމުގެ މަރުހަލާ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ގޮވާލީ އެތަށް މިލިއަން ޑޮލަރެއް ރައްޔިތުންގެ ރައުސުލްމާލުން ގެއްލިގެން ދިއުމުން އެކަން ކުރި ފަރާތްތައް ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން މެނުވީ އާ ސަރުކާރުގެ ފެށުން ފެށޭ ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ފާލެއްކަމުގައި ނުބެލެވޭތީ ކަމަށެވެ.
"އަޅުގަނޑުމެން މަދަނީ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މި ގޮވާލާ ގޮވާލުމަކީ މިމަރުހަލާއަކީ ވަރަށް ނާޒުކު މަރުހަލާއެއް. ސަބަބަކީ މިފަދަ އަމަލުތައް ހިންގާފައިވާކަމުގައިވަނީނަމަ ތުހުމަތުތައް ކުރެވިފައިވާ ހާލަތެއްގައި އެކަންކަން ފޮރުވުމުގެ މަސައްކަތަކީ ވަރަށް ގާތުގައި އޮތްކަމެއް. އެފަދަ ކަންކަމަށް އެއްވެސް މިނަވަރަކަށް ފުރުސަތު ނުދެއްވާ ރައްޔިތުންނަށް އެމައުލޫމާތު އިނގޭ ގޮތެއްގައި ކަންކަން ހާމަކަމާއި އެކީގައި އެއްވެސް މިންވަރަކަށް ކޮރަޕްޝަންގެ އަމަލުތައް ހިންގައިފައިވާ އެއްވެސް ފަރާތަކަށް އެއަމަލުތައް ފޮރުވުމާއި އަދި ޖަވާބުދާރީ ނުވެވޭ ގޮތަކަށް ކަންތައްތައް ނުކުރައްވާށޭ." ތޮލާލް ވިދާޅުވިއެވެ.
ތޮލާލް މިގޮތަށް ވިދާޅުވިއިރު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ހުކުރު ދުވަހު ބުނެފައި ވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ސައްހަކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި ދެފުށް ފެންނަ ގޮތަށް އެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ ޑީލުތަކާއި ސިއްރު އެއްބަސްވުންތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އެ ބައްދަލުވުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލާކަމަށެވެ.