ޅ. ނައިފަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުނު 180 ޒުވާނުންގެ ފޯމް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާ ހަވާލުކޮށްފިއެވެ.
ހުކުރު ދުވަހުގެ ހަވީރު އިބޫގެ ކެމްޕޭން އޮފީހުގައި ފޯމްތައް ހަވާލުކުރެއްވީ އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް އަދި ނައިފަރު ކައުންސިލް ރައީސް މުހައްމަދު ކަރީމްއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރީމް ވިދާޅުވީ އެ 180 ފޯމްތަކުގެ ތެރޭގައި ވަރަށް ގިނަ ޒުވާނުންގެ ފޯމް ހިމެނޭ ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓްލި 55 ޒުވާނެއްގެ ފޯމް ވެސް ހިމެނޭ ކަމަށެވެ. އަދި ކުރިއަތް އޮތްތާނގައި ވެސް ނައިފަރުން ގިނަ އަދަދެއްގެ ފަރާތްތަކުން އެމްޑީޕީއާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކަރީމް ވަނީ އިންތިހާބީ ރައީސް އިބޫއަށް މަރުހަބާ ދަންނަވާފައެވެ.