ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ނައިބު ރައީސްގެ މަޤާމުން ވަކިކުރުމާއެކު ޤައުމުން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ނައިބު ރައީސް ޖަމީލްގެ އޮފީހުން ބުނީ އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހު 2:00 ގައި ކަމަށެވެ.
ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކޮށް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ މާދަމާ ލޮބުވެތި ވަތަނަށް އަނބުރާ ވަޑައިގަންނަވާނެ ކަމަށެވެ.
ޑރ. ޖަމީލްއަކީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިގެން ހުންނެވި އެ ޕާޓީގެ މެމްބަރެކެވެ. ޖަމީލް ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމްގެ ހާއްސަ މުޝީީރުކަމުގެ މަޤާމު ވެސް ފުރުއްވަމުންނެވެ.
ޖަމީލް ރާއްޖެ ވަޑައިގަންނަވާއިރު، އިންތިހާބުގައި އިދިކޮޅު އިއްތިހާދު ހޯދި ކަމިޔާބީއެކު ޤައުމުން ބޭރުގައި ތިއްބެވި ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ރާއްޖެ ވަޑައިގަންނަވަމުންނެވެ. ބުރާސްފަތި ދުވަހު ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމާއި، ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ ރާއްޖެވަޑައިގެންފަ އެވެ.
އޭގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާންކުރައްވާފަ އެވެ.