ނިމިދިޔަ ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ކުރެވުނީތީ އެކަމުގެ އުފާ ފާޅު ކުރުމަށް "ބިޔަ ހެންވޭރުން" ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި މި ޚާއްޞަ ހަރަކާތް ފެށުނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ދަރުބާރުގެއަށް ވަޑައިގެންނެވުމުންނެވެ.

އެ ދެބޭފުޅުން ދަރުބާރުގެއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ހެންވޭރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ހެންވޭރުގެ ބައެއް އިސްބޭފުޅުންނެވެ.
އެދެބޭފުޅުން ދަރުބާރުގެއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމުގެ ގޮތުން ބޮޑުބެރާއި ޘަޤާފީ ހަރަކާތް ކުރިއަށް ގެންދިޔައެވެ. އެޘަޤާފީ ހަރަކާތަކާއެކު ރަތް ދޫލަމަތިން އެދެބޭފުޅުން ވަޑައިގެން ހަކުރާ މާލަމަށް ވަޑައިގެންނެވުމާއެކު އެމާލަމްގައި ލައިވް މިއުޒިކާއެކު ހަފްލާ ފެށިގެން ދިޔައެވެ.

ބުރާސްފަތި ދުވަހުގެ ރޭ 9 ޖެހިއިރު ފެށުނު އެހަރަކާތުގައި 11:30 ވަންދެން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ގެންދެވީ ހަފްލާއަށް ހާޒިރުވި ފަރާތްތަކާއެކު ފޮޓޯ ނަންގަވަމުންނެވެ.
ހެންވޭރުގެ އިތުރުން އެހެން އަވަށްތަކުގައި ދިރިއުޅޭ މީހުންނާއެކު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.