އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ އެތަކެތި ނައްތާލާފައި ވަނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ކަމަށެވެ.
ފުލުހުން ނައްތާލާފައި ވަނީ 77 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 123 ފުޅި ބަނގުރަލާއި 6 ބިޔަރު ދަޅާއި ބަނގުރާ ހުރި ޕެޓް ފުޅިއަކާއި ބިޔަރު ފުޅިއެކެވެ. އެ ތަކެއްޗަކީ 2016 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން، ލ. ކައްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުން ލ. ގަމުގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މީގެ ތިން މަސް ކުރިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ވެސް ވަނީ އެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައެވެ.