އޮމާންކަމާއެކު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންތައްތައް ކުރިއަށްދާ މަންޒަރު ސަރުކާރުގެ އިދާރާތަކުން ފެންނަމުން އަންނަ ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ވުޒާރާތަކުގެ ކަންތައް ހުރި ގޮތްތައް ބެއްލެވުމަށް ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ ޓީމްތަކުގެ ތެރެއިން އެންވަޔަރަންމެންޓް މިނިސްޓްރީގެ ކަންތައް ހުރި ގޮތް ބެއްލެވުމަށް އެ ވުޒާރާއަށް ކުރެއްވި ޒިޔާރާތާއި ބެހޭ މައުލޫމާތު ރާއްޖެ އެމްވީ އާއި ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ފެންނަނީ އޮމާންކަމާއެކު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންތައް ކުރިއަށްދާނެ މަންޒަރު ކަމަށާއި، ހުރިހާ ވުޒާރާތަކުންވެސް ފެންނަނީ އާ ސަރުކާރަށް މަރްހަބާ ކިޔަން ތައްޔާރަށް އޮތް މަންޒަރު ކަމަށެވެ.
އަސްލަމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވަފުދުތައް މި ވަގުތު ވުޒާރާތަކަށް ވަޑައިގެން ވުޒާރާތަކުގެ ކަންތައް ހުރި ނެތްގޮތް ބެއްލެވުމުގެ މައިގަނޑު ސަބަބަކީ، ސަރުކާރު ބަދަލުވެ އާ ސަރުކާރުން ސަރުކާރު ހިންގުމާއި ހަވާލުވާއިރު ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތަކަށް ހުއްޓުމެއް އަޔަނުދިން ކަމަށެވެ.
ބައްދަލުވުމުގެ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ އެންވަޔަރަންމެންޓް މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގައި އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އާއި ބައްދަލުކުރެއްވި ކަމަށާއި، އެ މަނިކުފާނު ހުންނެވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މިނިސްޓްރީއިން ކުރައްވަންޖެހޭ ކަންތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވަން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މި ބައްދަލުކުރެއްވުންތަކަށް ފަހު އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް އޮފީސްތައް ތައްޔާރު ކުރެވިގެންދާނެ ކަމަށެވެ.
"އާ ސަރުކާރު އެކުލެވިގެން އަންނައިރު ނޮވެމްބަރު 11 ގައި އާ ސަރުކާރު އުފެދިގެން އަންނައިރު ހަވާލުވާ ބޭފުޅުން މަސައްކަތްތައް ހުއްޓުނަނުދީ މަސައްކަތްތައް އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށްޓަކައި ބަލަމުން މި ގެންދަނީ އޮފީސްތަކުގައި މަސައްކަތްތައް މިހާރު ހުރި ގޮތަކާއި އޮފީސްތައް ތަރުތީބުވެފައި ހުރި ގޮތް ކެޕޭސިޓީހުރި ގޮތަކާއި އޮގަނައިޒޭޝަން ތަރުތީބުވެފައި ހުރި ގޮތަކާއި ކެޕޭސިޓީ ހުރި ވަރަކާއި އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށް އޮފީސްތައް ތައްޔާރުކުރުމަށް" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރ ޗޭންޖެއް ގެންނަވަންޖެހޭކަމަށް ވާނަމަ ޓީމްތަކުން އެއްކުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކަމަށް ގެންނަވަންޖެހޭ ބަދަލުތައް އިންތިޚާބީ ރައީސް ގެންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ޓީމެއް މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީއަށް ވަޑައިގެންފައިވާއިރު، ސަރުކާރު ބަދަލުވާއިރު ރައީސް އޮފީހުގެ ކަންތައް ހުރި ގޮތް ބެއްލެވުމަށް އެމްޑީޕީގެ ވަފްދެއް ވަނީ މި މަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހަށްވެސް ޒިޔާރަތްކޮށްފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންތައް ފެށިފައިވާއިރު އެކަމުގައި އިސް ދައުރެއް އަދާކުރައްވަނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންސްއެވެ. މި މަޤާމަށް ހަމަޖައްސަވާފައިވަނީ އަހްމަދު ލަތީފްއެވެ. ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަށް ސަރުކާރުން އޮފީހެއް ހަމަޖައްސައިދީފައިވާއިރު، އެ މަނިކުފާނުގެ އޮފީސް ހުންނަނީ ސްޓެލްކޯ ބިލްޑިންގައެވެ.
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް އައްޔަން ކުރައްވާފައިވާ އިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން އިންތިގާލީ މަރުހަލާގައި ސޔާސީ ގޮތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.