ސިޔާސީ ހުކުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހުކުމެއްގައި ތިން އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ބާނީ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަރުމަނު ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެއާޕޯޓުން ގާސިމަށް މަރުޚަބާ ދެންނެވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޚާއި އިންތިޚާބީ ނައިބު ފައިސަލް ނަސީމްގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ވެރިންނެވެ.
ގާސިމްގެ އިތުރުން، 2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާއާ ގުޅިގެން އަމިއްލަފުޅަށް އިނގިރޭސި ވިލާތަށް އަރުވާ ލެއްވިގެން އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ޖޭޕީގެ ރައީސް އަލީ ވަހީދު ވެސް ވަޑައިގަތެވެ. އަދި ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ޑރ. ޝާހް މާހިރު ވެސް ވަޑައިގަތެވެ.
ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށް ފަހު ގާސިމް ރާއްޖެ މިވަޑައިގެންނެވީ، ކަފާލާތުގެ ދަށުން ގާސިމް ހައި ކޯޓުން ދޫކޮށްލުމާ ގުޅިގެންނެވެ. ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލީ، ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.

ޖަރުމަނު ވިލާތުން ގާސިމް ހިމާޔަތް ހޯއްދެވީ، އޭނާގެ މައްޗަށް މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަށް ފަހު، ހުކުމުގައި ކަނޑައަޅާފައިވާ ގޮތަށް ބޭސްފަރުވާ ހޯއްދަވަން ސިންގަޕޫރަށް ވަަޑައިގެން ހުންނެވުމަށް ފަހު އެވެ.
ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދީ ގާސިމް ރާއްޖެ ގެނައުމުގެ ވާހަކަތަކެއް އޭރު ދެކެވެން ފެށުމުން، މާގިނަ ދުވަސްތަކެއް، ޖަރުމަނު ސަރުކާރުގެ ހާއްސަ ހިމާޔަތް ލިބިވަޑައިގެން ގާސިމް އެ ގައުމަށް ބަދަލުވެވަޑައިގަތެވެ.
ސިންގަޕޫރުގައި ގާސިމް ވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އޭނާގެ ބޭސްފަރުވާއަށް އެންމެ ފުރަތަމަ ދެ ބުރެއްގެ މަތިން 20 ދުވަސް ދިނެވެ. އެކަމަކު ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރުން ބުނެފައި ވަނީ ތިން މަސް ދުވަހު އެ ގައުމުގައި އޭނާ މަޑުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން ނުދިނެވެ.
އެހެންވެ، ސެޕްޓެމްބަރު 25، 2017 ވަނަ ދުވަހު ސިންގަޕޫރު އެއާލައިންސް އިން ރާއްޖެ ވަޑައިގަތުމަށް ގާސިމް މަސައްކަތް ކުރެއްވި އެވެ. އެކަމަކު އާއިލާ އިން ބުނީ، ހިތުގެ އޮޕަރޭޝަނާ ގުޅިގެން ގާސިމް ބޯޓަށް ނޭރުވި ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ބޭރުގައި ހުންނެވުމުގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން އިތުރުނުކޮށްދިން މައްސަލަ، ގާސިމްގެ ވަކީލުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އެ ބޭފުޅުން ނިސްބަތްވާ ޕާޓީން ޓިކެޓް ހަމަޖައްސައިދީ އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މ. ކުނޫޒްގައި އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާއެއްގައި ވިދާޅުވީތީ އެކަމަށް ރިއާޔަތްކޮށް އުފުލި ދައުވާ ސާބިތުކޮށްގެންނެވެ. ގާސިމް އެހެން ވިދާޅުވުމުން ފުލުހުން އެމައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.
ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމްކުރުން ހުއްޓާލާފައި އޮންނަތާ އެތައް އަހަރަކަށް ފަހު ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި އަދި ވަކީލުންގެ ވެސް ޣައިރު ހާޒިރުގައި ހުކުމް އިއްވިއިރު، އޭނާ އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާ މެދު ކޯޓުން ގޮތެއް ނިންމާފައިވާތީީ އަނެއް ދެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް މިހާރު ނެތް ކަމަށްވެސް ކަނޑައަޅާ ކަމަށެވެ.

މިދައުވާތައް ގާސިމްގެ މައްޗަށް ކުރިން ވެސް އުފުލުނެވެ. މީގެ ކުރިން ދައުވާ އުފުލިފަހަރު ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ޖުލައި 10، 2017 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު ބަޔަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން އެމ ައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މައްސަލަ ބޭރުކޮށްލި އެވެ. އެ މައްސަލަ ބޭރުކޮށްލުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ޝަކީލް ވަގުތުން އެހެން ކޯޓަކަށް ބަދަލުކޮށްފަ އެވެ.
އެއަށް ފަހު ދެ ވަނަ ފަހަރަށް ގާސިމް މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި ހުކުމް އިއްވީ، ބާރީއަށް ފަހު ކްރިމިނަލް ކޯޓްގެ އިސް ގާޒީއަކަށް ކަނޑައެޅުއްވި އާދަމް އާރިފެވެ.
ގާސިމްގެ ޝަރީއަތަށް އިންތިޚާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު ދެކެވެ.