އަބުރުގެ ގާނޫނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ޕީޖީ ގުރޫޕުން މާފަންނު ކުނޫޒުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މި ދެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް އިއުލާނުކުރެއްވީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ އިސް މެންބަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާއެކު ރައީސް އަބްދުﷲ ޔާމީނާއެކު ތިއްބެވި ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިއުލާނު ކުރުމާއި އެކު ކޯލިޝަން ޕިޖީ ގުރޫޕުން ނިންމާފައި ވަނީ މާދަމާއަށް އެ މެންބަރުންނާއި އެެކު މަޖިލީހަށް ވެންނެވުމަށެވެ. އަދި ޖަލްސާއެއް ބާއްވައި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވެސް މަގާމުން ދުރުކުރުމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އަބުދުﷲ މަސީހު ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މި ދެ ގާނޫނަކީ ވެސް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ދެ ގާނޫނެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ.
އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމެވިއިރު، އެ ގާނޫނު އުވާލައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.