ގުޅިފައިވާ ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އިއްތިހާދުގައި ރެނދެއް އަޅާތަން ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާ އެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް މައުމޫންގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ތިބޭނީ އެކީގައިކަން ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށެވެ.
"އަޅުގަނޑުމެން ތިބޭނީ ވަރަށް ސާބިތުކަމާއެކީގައި އިއްތިހާދު ދެމެހެއްޓުމަށް ހުރިހާ މަސަައްކަތެއް ކުރާނަން. އެއްވެސް ހާލެއްގައި މި އިއްތިހާދުގައި ރެނދެއް އަޅާތަނެއް ފެނިވަޑައި ނުގަންނަވާނެ. ދިވެހި ރައްޔިތުން ޔަގީން ކުރައްވާ، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނީ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަޅުގަނޑުމެން މަޝްވަރާކޮށްގެން އެއްބަސްވެވޭ ރަނގަޅު ގޮތަކަށް އެކަން ގެންދާނަން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމުން ބޭއްވި ކުއްލި ކޮންގްރެސްއާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި ކޮންގްރެސް ބާއްވަން ޖެހޭނީ ކޮންމެ ގޮތްޕަކުން ވެސް މަންދޫބަކު ހާޒިރުވެގެން ކަމަށެވެ. ނަމަވެސް މީޑީއާތައް ނުވައްދައި ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ވީގޮތެއް ނޭނގޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ރައީސަކީ އަދިވެސް އެމަނިކުފާނު ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް 2013 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އައްޔަން ކުރީ އެމަނިކުފާނު ކަމަށެވެ.
"ޕާޓީގެ ކޮންގްރެސްއިން ގަވާއިދާ އެއްގޮތަށް އިންތިހާބުކޮށްފައިވާ ރައީސެއް އަޅުގަނޑަކީ. 2013 ވަނަ އަހަރު. ޕާޓީގެ ކޮންގްރެސްއިން ގަވާއިދުން އިންތިހާބު ކުރި ރައީސަކީ އަޅުގަނޑު. އެހެންމީހަކު ޕީޕީއެމްގެ ރައީސް ކަމަށް އެ ގަވާއިދު ބުނާ ގޮތަށް އިންތިހާބުކޮށްފައެއް ނެތް. ދާދި ފަހުން އިންތިހާބެއް ބޭއްވި ކަންނޭނގޭ، މީޑިއާއަކަށް ނުއެއް ވަދެވުނު. ވީގޮތެއް ނޭނގޭ،" ރައީސް މައުމޫން ވިދާޅުވިއެވެ.