ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް ކޯޓުން ދޫކޮށްލައިފި އެވެ.
ކޯޓުން ސިރާޖް ދޫކޮށްލާފައި ވަނީ، ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ސިރާޖް ދޫކޮށްލީ، ސިރާޖް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ. އަދި ފުލުހުން ސިރާޖް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ބުނުމުން، ބަންދުގައި ހުންނަން ބޭނުން ނުވާ ކަމަށް ސިރާޖް ވެސް ކޯޓުގައި ވަނީ ބުނެފަ އެވެ.
ފުލުހުން ސިރާޖް ހައްޔަރު ކޮށްފައި ވަނީ، ސިރާޖްގެ މުވައްކިލް އަހުމަދު އަދީބުގެ ފަރާތުން ނޫސް ބަޔާންތަކެއް ނެރުމާއި ގުޅިގެންނެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކެއް އާންމުކުރުމަކީ ޖިނާއީ މައްސަލައަކަށް ހަދައިގެން މޫސާ ސިރާޖު ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.