ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދުނިޔޭގެ ގާނޫނުހަދާ މަޖިލީސްތަކުގެ ޖަމްއިއްޔާ، އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން މަރުހަބާ ކިޔައިފިއެވެ.
އައިޕީޔޫ އިން ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމާއެކު، ދާއިމީ ނަތީޖާ އިއުލާނުކުރުން ވީ އެންމެ އަވަހަކަށް ނިންމުމަށް ގޮވާލާފައެވެ.
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިޚާބު އިބްރާހިމް މުހައްމަދު ސާލިހް ކާމިޔާބުކުރައްވާފައި ވަނީ 58.4 އިންސައްތަ ވޯޓުންނެވެ.
ރައީސްކަމުގެ މަގާމުގައި ހުންނަވައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ކެމްޕެއިން ކުރެެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފައި ވަނީ 41.7 އިންސައްތަ ވޯޓެވެ.
އައިޕީޔޫއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި މަޖިލީހުގައި އުސޫލުން ބޭރުން ހިނގަމުން ދާކަންކަން ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އަސްކަރިއްޔާ އިން މަޖިލީހުގެ ތަޅު އަޅުވައި އިދިކޮޅު މެމްބަރުން ހައްޔަރުކޮށް އެ މެމްބަރުންގެ އިންސާނީ ހައްގުތަކާ ޚިލާފަށް އަމަލުކުރަމުންދާ ދިއުން ކުށްވެރި ކޮށްފައިވާނެ ކަން ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އައިޕީޔޫގެ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަން ކޮމިޓީން ގެންްދަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އިދިކޮޅު އެހެނިހެން މެމްބަރުންގެ އިންސާނީ ހައްގުތައް ލިއްބައިދިނުމަށް ތަކުރާރުކޮށް އެދެމުންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
އައިޕީޔޫގެ ރައީސް ގެބްރިއެލާ ކުއޭވާ ވިދާޅުވެފައި ވަނީ ސުލްހަވެރި އިންތިޚާބެއް ބޭއްވުނީ ތީ ސެލިއުޓް ކުރައްވާ ކަމަށާއި އަދި މަގާމުން ފައިބާ ވަޑައިގަންވާ ރައީސް، އޮމާންކަމާއެކު ބާރުތައް ބަދަލުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައި ވާތީ ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ސަރުކާރާއި، މަޖިލީހާއި، ޝަރުއީ ދާއިރާއެކު މިހާރަށް ވުރެ ބިނާކުރަނިވި ގުޅުންތަކެއް ގާއިމްވެ އެހީތެރިކަން ފޯރުކޮށްދެ ވިގެންދާނެ ކަމަށް ދެކޭކަމަށް ވެސް އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ.
އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މާޓިިން ޗުންގޮންގ ވެސް ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހިތުގެ ފުންމިނުން މަރުހަބާވިދާޅުުވާ ކަމަށް ވިދާޅުވެފައެވެ.