ބަންދާ މެދު ގޮތެއް ނިންމުމަށް ލޯޔަރ މޫސާ ސިރާޖު ބުރާސްފަތި ދުވަހު (މިއަދު) ކޯޓަށް ހާޒިރުކުރަން ހަމަޖެހިއްޖެއެވެ.
ސިރާޖުގެ ގާނޫނީ ވަކީލެއް ކަމަށްވާ އިބްރާހީމް ޝިޔާމް ވިދާޅުވީ މިއަދު 14:00 އަށް ސިރާޖު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށެވެ.
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކެއް އާންމުކުރުމަކީ ޖިނާއީ މައްސަލައަކަށް ހަދައިގެން މޫސާ ސިރާޖު ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރާ އިރު އޭނާ ހައްޔަރު ކުރުމަށް ފަހު ކޯޓުން ދީފައިވާ ހަ ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އަދީބުގެ ބަޔާންތައް އާންމުކުރެއްވި ކަމަށް އިއުތިރާފުވެ ވަޑައިގެންފައެވެ. ސިރާޖު ވިދާޅުވީ އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށާއި ވަކާލާތުކުރައްވާ މުވައްކިލުގެ ހައްގުގައި ކުރަންޖެހޭ ކަންތައްތައް ކުރައްވާފައި ވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ. ސިރާޖު ވަނީ އޭނާގެ މުވައްކިލުގެ ފަރާތުން ބަޔާނެއް ނެރުން މަނާކުރާ ގާނޫނެއް ދެއްކުމަށް ފުލުހުންނާ ޗެލެންޖް ކުރައްވާފައެވެ.
އެހެން ނަމަވެސް، އެކަން މަނާކުރާ ގާނޫނެއް ފުލުހުންނަށް ދެއްކިފައެއް ނުވެއެވެ.