ޓްރޭޑް ޔޫނިއަން އިން މަސައްކަތްކުރަނީ ވިޔަފާރިތަކަށް އަމާން ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.
ޓްރޭޑް ޔޫނިއަން އިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ފެށުނީއްސުރެ އެ ފަރާތުގެ ކެންޑިޑޭޓް ކަމަށެވެ. ކެމްޕެއިން ދުވަސްވަރު ވިޔަފާރިވެރިންގެ ޝަކުވާތައް އިބޫއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
ގިނަ ކަންތައްތަކެއް ރަގަނޅު ކުރަން ހުރި ނަމަވެސް ރަގަނޅު ކުރުމަށް އިސްކަންދޭ ތިން ކަމެއްވާ ކަމަށް ޓްރޭޑް ޔޫނިއަން އިން ބުނެއެެވެ. އެ ޔޫނިއަންގެ ރައީސް ފުއާދު ޒާހިރު ވިދާޅުވީ ފުރަތަމަ ކަމަކަށް ޕިކަޕް ދުއްވާ ވަގުތަކަށް ބަދަލު ގެނެސް އެމްޕީއެލް އިން މުދާތައް ނުނެރެވޭ މައްސަލައަށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. މިހާރު ގަވާއިދު އޮތް ގޮތުން މުދާތައް ނުނެރެވި ބޯޓުތައް ފުރައިގެން ގޮސް ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ކުރާ ކަމަށެވެ.
ދެވަނަ ކަމަކަށް ފުއާދު ވިދާޅުވީ މީރާގެ ފިއްތުންތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. މީރާގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ގާނޫނީ ނިޒާމު ރަގަނޅުކޮށްގެން ކަމަށެވެ.
މީރާ އޮތް ހާލަތު ބަޔާން ކޮށްދެއްވުމަށް މިސާލު ނަންގަވަމުން ފުއާދު ވިދާޅުވީ ދެ މީހެއްގެ ދެމެދުގައި ހިނގި މުއާމަލާތަކާއި ގުޅިގެން ދައްކަން ޖެހޭ ދަރަންޏެއް އަނެކާއަށް ރައްދު ކުރުމުގެ ބަދަލުގައި އެ ފައިސާ ދައްކަން މީރާއަށް އެންގިދާނެ ކަމަށެވެ. އެހެން މީރާ އަންގަނީ އެ ފައިސާ ރައްދުވާން ޖެހޭ ފަރާތަކީ މީރާއަށް ދަރާފައިވާ ފަރާތަކަށްވާ ނަމަ ކަމަށާއި ނަމަވެސް އެ މުއާމަލާތް ހިނގުމަށް ފަހު އެ ދެފަރާތުގެ ދަރަންޏަށް ވާނީ ކިހިނެއްތޯ ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. މިއީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ މައްސަލައެއް ކަމަށް ފުއާދު ވިދާޅުވިއެވެ.
ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ވިދާޅުވީ މީރާ އިން ކުރާ ބޮޑެތި ޖޫރިމަނާތައް ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. އެ ޖޫރިމަނާގެ ސަބަބުން ވިޔަފާރިތައް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ އޮތީރިޓީގައި ތިއްބަވާ ހަތަރު ވަރަކަށް ބޭފުޅުން ހިތަށް އެރިހާ އަދަދެއް ޖޫރިމަނާ ނުކުރެވޭ ގޮތަަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ތިންވަނަ ކަމަކަށް ފުއާދު ވިދާޅުވީ ސަރުކާރުގެ ބިޑިންގް ޕްރޮސެސް އަލުން ފައްޓަން ޖެހޭ ކަމަށެވެ. ޓެންޑާ ބޯޑުގެ މަސައްކަތް އަލުން ފައްޓައި ވަކިފަރާތަކަށް މަންފާ ލިބޭ ލިބުން ހުއްޓުވަން ޖެހޭ ކަމަށާއި މިހާރު އޮންނަ ގޮތުން ސަރުކާރަށް ބިޑަކާއި ނުލައި ބޭނުންވާ ފަރާތަކަށް ޕްރޮޖެކްޓްތައް ދިނުމުގެ ސަބަބުން ވާދަވެރި މާހައުލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރަވެރިންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ފުއާދު ވިދާޅުވިއެވެ.
މިކަންތައްތައް އިބޫ ސަރުކާރެއްގައި ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އިބޫއަކީ މަޑުމައިތިރި ބޭފުޅެއް ކަމަށާއި އެ ޔޫނިންގެ ކަންބޮޑުވުންތައް ވަރަށް ކަނުލައި އަޑުއައްސަވާފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން އިބޫ ދެއްވާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.