ރިޔާސީ އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާއާ އެކު ބޭރުގެ އޮބްޒަރވަރުން ހައިރާން ކުރުވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކަންތައްތައް ބެލުމަށް ރާއްޖެ އައި ބޭރުގެ އޮބްޒާވަރުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި މެމްބަރު އަހްމަދު އަކްރަމްއާ ބައްދަލުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި އެއް ކަމަކީ ދިވެހި ރައްޔިތުން ދެއްކި ރީތި ނަމޫނާ އެވެ.
ދަ އެލައަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން އިއުރަޕް (އޭކާރ)ގެ ޑެޕިއުޓީ ޑައިރެކްޓަރ ވިދާޅުވީ މިހާ އަމާން އޮމާންކަމާ އެކު ވޯޓްލުމަށް އެއްވެފައިވާ ބަޔަކު ނުދެކޭ ކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ފެނިފައި ނުވާ ކަމަށެވެ.
އިންތިހާބެއްގެ މަސައްކަތް ފެށެނީ ނަތީޖާ އިއުލާން ކުރެވޭ ހިސާބުންކަން ފާހަގަކުރައްވަމުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ސަލާހުއްދީން މަހްމޫދު ވިދާޅުވީ، ވޯޓްލާން ދިޔަ ފަރާތްތައް ވަރަށް ސުލްހަވެރި ކަމަށެވެ. ދެ ފަރާތުގެ މަންދޫބުންގެ ފަރާތުން ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
ތައިލޭންޑްގެ އިލެކްޝަންސް ކޮމިޝަންގެ ޑައިރެކްޓަރ، ކޮންގްޔޯ ބުންރަކް ވިދާޅުވީ އެކި ގައުމުތަކުގެ އިންތިހާބުތައް ކުރިއަށް ދާނީ އެކި 'ސްޓައިލް' އަށް ކަމަށާއި ދިވެހި ރާއްޖޭގެ އިންތިހާބު އޮބްޒަރވް ކުރުމުގައި އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ އެންމެން ވެސް އެކަކު އަނެކަކަށާއި ގާނޫނާއި ގަވާއިދުތަކަށް އިހްތިރާމް ކުރަމުން ދިޔަކަން ކަމަށެވެ. އަދި ބުންރަކް ވަނީ މި ސުލްހަވެރި އިންތިހާބަށް ދިވެހިންނަށް މަރުހަބާ ދަންނަވާފައެވެ.
ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އޮފް ޕަލަސްޓައިންގެ ސީއީއޯ އަޝްރަފް ޝުއައިބީ ވިދާޅުވީ އިންތިހާބުގައި ވޯޓްލި ފަރާތްތަކުން ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެއް ކަމަށާއި، ކިއުތަކުގައި ގިނަ އިރު ތިބެން ޖެހުނު ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގައި ދެއްކީ ކެތްތެރިކަން ކަމަށެވެ. އަދި ގިނަ ކަންތައް ހިންގުމުގައި ބައިވެރިވެފައި ވަނީ އަންހެނުން ކަމަށާއި، މިއީ ރާއްޖެ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ޝުއައީބީ ވިދާޅުވިއެވެ.
ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަންގެ އެޑިއުކޭޝަން އެންޑް އިންފޮމޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓަރ ފްރާންސިސް އެގުއިންޑައޯ-އަރަބޭ ވިދާޅުވީ ރާއްޖޭގެ އިންތިހާބު ދިޔަ ގޮތުން ކަންތައްތަކެއް ދަސް ވެއްޖެ ކަމަށާއި އަމިއްލަ ގައުމަށް އެ އެކްސްޕީރިއަންސް ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުން ވަރަށް ހިމޭންކަމަށާއި، މިއީ 'ހާއްސަކޮށް ފިލިޕީންސް ފަދަ ކިއުތައް ހެދުމުގައި ގިނަ މައްސަލަތައް ޖެހޭ' ތަނަކާ ބަލާއިރު ވަރަށް ފާހަކަ ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން އިންތިހާބު އޮބްޒަރވް ކުރެއްވި އެމްޕީ ޑޭވިޑް ތޮމަސް މޮރިސް ވެސް ދިވެހި ރައްޔިތުން ދެއްކި ނަމޫނާއަށް ތައުރީޕް ކުރެއްވިއެވެ. އެގޮތުން، ދެ ފަރާތުގެ ޕޯސްޓަރާއި ދިދަތައް ފެނިފައިވާކަން ފާހަގަ ކުރައްވައި މޮރިސް ވިދާޅުވީ 'މިއިން އެއްވެސް ފަރާތަކުން ހަލާކު ކޮށްފައި ނުވާ" ކަމަށާއި ހުރިހާ ފަރާތެއް ވެސް ކަންތައް ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށެވެ. އަދި އިންތިހާބު ކުރިއަށް ދިޔަ އިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ކުރިއަށް ނުދާ ކަމަށާއި އެންމެން ވެސް ތިބީ ވާނެ ގޮތަކާ މެދު ކެތްމަދުވެފައި ކަމަށެވެ. އަދި ނަތީޖާ އިން ރައްޔިތުންގެ ނިންމުން އެނގިއްޖެކަން މޮރިސް ފާހަގަކުރެއްވިއެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ރަތުނަޖީވަން ހޫލް ވަނީ އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ވޯޓްލި ގަޑި އިތުރު ކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އިންތިހާބު ކަވަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ ގިނަ ނޫސްވެރިންނަށް ވިސާގެ މައްސަލަ ދިމާވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އިންތިހާބު ބޭއްވި ދުވަހު ކަންތައް ރަނގަޅަށް ދިޔަ ނަމަވެސް، ލަންކާގެ މަންދޫބު ވިދާޅުވީ އިންތިހާބު މިނިވަން ނޫން ކަމެށެވެ.
އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 މީހުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިފައި ވަނީ 96،132 ވޯޓެވެ.