ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިނިވަންވުމާ އެކު މިރޭ ފުވައްމުލަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގޭ ބަންދު ގައި ހުންނެވި މަހްލޫފު އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމާ އެކު އޭނާ މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުވައްމުލަކަށް މިރޭ ވަޑައިގަންނަ ވަނީ ދަރިފުޅު ލައިބާ އަހްމަދު މަހްލޫފު(އެލީ) މާލެ ގެނައުމަށް ކަމަށެވެ. މަހްލޫފު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ގައި އަނބިކަނބަލުން ނަޒްރާ ނަސީމް ރަށްތަކަށް ވަޑައިގަތުމާއެކު ދަރިފުޅު ވަނީ އާއިލާގެ ބޭފުޅުންގެ ގާތަށް ފުވައްމުލަކަށް ގެންގޮސްފަ ކަމަށެވެ.

"ފަހު ހަފްތާ އަށް ވީމަ އެލީ ވެސް ފޮނުވާލީ. އެހެންވީމަ އަޅުގަނޑު އެންމެ ފުރަތަމަ ކަމަކަށް އެލީ ބަލާ މިރޭ މި ފުރަނީ ފުވަމުލަކަށް. އަދި ފުވައްމުލަކަށް ގޮސްފައި އުފާފާޅުކޮށްފައި މާދަމާ މާލެ އައިސް ދެން ހަމަ ގަދައަށް މި މަސައްކަތުގައި އުޅެންވީ،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ މަހްލޫފު މިރޭ ފުވައްމުލަކަށް ވަޑައިގަންނަވަނީ ދަރިފުޅަށް ސަޕްރައިޒެއް ދެއްވަން ކަމަށެވެ. ނަޒްރާ ވިދާޅުވީ ދަރިފުޅު ވޭތުވި ދުވަސްތަކުގައި ތަހައްމަލު ކުރީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ބޭއިންސާފުން މިވަގުތު ވެސް ޖަލަށް ލެވިފައި ތިބި މީހުން މިނިވަން ކުރުމަށް ވެސް ނަޒްރާ ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ ކޯޓުން މިނިވަން ވުމަކީ އަދި އިންސާފު ލިބިގެންދިއުން ނޫން ކަމަށާއި އިންސާފަށް ކުރަން ޖެހޭ މަސައްކަތް އަދި އޮތީ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް މަހްލޫފު ވަނީ ތައުރީފުކުރައްވައި ޝުކުރު އަދާ ކުރައްވާފަ އެވެ. ބިރުވެރި ނާމާން ހާލަތެއްގައި މީޑިއާތަކުން ކުރި މަސައްކަތަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
"ރައްޔިތުން އެ ދެއްކި ސާބިތު ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެނަށް މިހެން ތިބެވުގެ އަސްލަކީ ވެސް ދިވެހި ރައްޔިތުން. އެ ބޭފުޅުން އެ ކުރި ތާއީދު، އިތުބާރު، ހެޔޮދުއާ. އަޅުގަނޑުމެން ޖަލަށް ދާއިރު ވެސް އިނގޭ އަޅުގަނޑުމެން ދޫކުރުވާނެ ބަޔަކު ތިބޭނެކަން. ޔާމިން ޖަލަށްލީމަ އަބްދުއް ރަހީމް ވެސް ނުހުންނާނެ، ނިހާން ވެސް ނުހުންނާނެ،" މަހްލޫފު ވިދާޅުވި އެވެ.
ރައްޔިތުން ކެތްތެރިވެ ގައުމު ހަމަ މަގަށް އެޅުވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ދިނުމަށް މަހްލޫފު އެދިވަޑައިގެންނެވި އެވެ.