މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އައްޑުއަތޮޅުގެ ގަމުން ފުރައިގެން ލަންކާ މަގުން މެލޭޝިޔާ އަށް ފުރާވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެން ހުންނަވަނިކޮށެވެ.
ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ޝެއިޚް އިލްޔާސް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ފުލުހުން ވަނީ ޝެއިޚް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. އޭރު ޝެއިޚް ހުންނެވީ މެލޭޝިޔާގައެވެ.
ޝެއިޚް އިލްޔާސް ފާހަގަވެގެން ގޮސްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ.