ހުރިހާ ސިޔާސީ ހައްޔަރިން ވަގުތުން ދޫކޮށްލުމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ގޮވާލައްވައިފިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ވިދިގެން ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށް ރައީސް ޔާމީނަށް ގޮވާލައްވާކަމަށެވެ.
"އަޅުގަނޑާއި އެކު މަސައްކަތް ކޮށްދެއްވުމަށް މިރޭ އެންމެހާ ދިވެހި ރައްޔިތުންގެ ކިބައިން އެދެން. މިއަދު މި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ގާނޫނުގައިވާ ގޮތުގެ މަތިން އެއް ސަރުކާރުން އަނެއް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ލަސްނުކުރައްވާ ފެއްޓެވުމަށް ރައީސް ޔާމީނަށް ގޮވާލަން. އަދި މިއަދު އެންމެ އިސްކަމެއްގެ ގޮތުގައި ތަފާތު ބަންދުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ޝަރީއަތުގެ އުސޫލުތަކާއި ޚިލާފަށް އެންމެން މިހާރުން މިހާރަށް ރައީސް ޔާމީނަށް ގޮވާލަން،" އިބޫ ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހެއްގައި ސިޔާސީ ލީޑަރުން މިނިވަން ކުރައްވާނެ ކަމަށް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ އިންތިހާބުގެ ކެމްޕެއިންގައި ވަނީ ވައުދުވެ ވަަޑައިގެންފައެވެ. އިބޫ ވަނީ އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
" މި މަތިވެރި ކާމިޔާބީއަށްޓަކައި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތަށް ހަމްދު ކުރަން. ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރަން. މިކަން އަޅުގަނޑުމެންނަށް މި ހާސިލްކުރެވުނީ އަޅުގަނޑުމެންގެ ގައުމު އަލުން އަނބުރާ ހެޔޮމަގަށް ގެނައުމަށްޓަކައި ދަތި ހިތްވަރާއި އަޒުމާއެކު ދިވެހި ލޮބުވެތި ރައްޔިތުން ކުރެއްވި ބުރަ މަސައްކަތް. މި ފުރުސަތުގައި އިންތިޚާބުގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ރައްޔިތުންނަށް ވަކިން ޚާއްސަކޮށް އިންތިޚާބުގައި ވަކިން ޚާއްސަކޮށް އަޅުގަނޑުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން. " އިބޫ ވިދާޅުވިއެވެ.