މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި އުކާލެ ދޭ އަގުތައް ކަނޑައަޅައި އެކަމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން އިއުލާން ކޮށްފި އެވެ.
ވެމްކޯއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޯޕަރެޝަނުގެ ފަރާތުން މާލޭގެ ގޭބިސީތަކުންނާއި އަދި ވިޔަފާރިތަކުން ކުނި ނެގުމުގެ ހިދުމަށް ތައާރަފު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚިދުމަތް ދިނުމަށްޓަކައި މާލޭގެ ސަރަހައްދުތަށް ޒޯންތަކަކަށް ބަހާލެވިފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
ވެމްކޯއިން ކުނި އުކާލަދޭ އަގުތަކަކީ
- ޑޯ ސްޓެޕް ސާރވިސް (ހިދްމަތަށް އެދޭ ފަރާތް ދިރިއުޅޭ އެޕާރޓްމަންޓަށް ވަންނަ ދޮރުކައިން ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނެގުން) 150ރ އަށް
- ބިލްޑިންގ ސާރވިސް (އިމާރާތުގެ ނުވަތަ ގެއެއްގެ ހުރިހާ ގޭބީސީއަކުން އެއްބަސްވެފައިވާ ޑަސްބިނަކަށް އެ އިމާރާތެއްގެ ގްރައުންޑް ފްލޯގައި އިމާރާތަށް ވަންނަ ނުވަތަ ހާއްސަ ކުރެވިފައިވާ ތަނެއްގައި ކުނި ބެހެއްޓުމުން ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނެގުން) 100ރ އަށް
- ވިޔަފާރިތަކުން ކުނި ނެގުމުގެ ފީއަކީ ކޮންމެ ލީޓަރަކަށް 10ރގެ ރޭޓުން ނެވެ. (ވިޔަފާރިތަކުން ފީ ނެގޭނީ، ބޭނުންކުރާ ޑަސްބިންތަކުގެ ބޮޑުމިނާއި އަދަދަށް ބިނާކޮށެވެ.)
ވެމްކޯއިން ބުނީ ކުނި އުކާލުމުގެ ހިދްމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ހުށަހަޅުއްވާ ރަޖިސްޓްރީ ވުމަށް އެދޭ ކަމަށާއި އެކަމަށް އެދޭ ފޯމް ވެމްކޯގެ މައި އޮފީހުންނާއި އެ އޮފީހުގެ ވެބްސައިޓުން WWW.WAMCO.COM.MV ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ދާދިފަހުން ވެމްކޯއިން ވަނީ ތިލަފުއްޓަށް ކުނި އުފުލުމަށް ހާއްސަ ކަނޑުދަތުރުގެ އުޅަނދުތަކެއް ބަނުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި އެއްގަމުގައި ދުއްވާ ކުނިއުކާލާ ޒަމާނީ ވެހިކަލްތައް ބޭނުން ކުރާގޮތަށް ވެސް ވެމްކޯއިން ހަމަޖައްސާފަ އެވެ.