ޓަގް ބޯޓެއްގެ މައްސަލައިގައި އެމްޕީއެލް އިން 160 މިލިއަން ރުފިޔާ ދައްކަން ޖެހުނު ސެންޓާ އެންޓަޕްރައިސަސް ކުންފުނިން، ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސެްޓެލްކޯއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.
ސެންޓާ އެންޓަޕްރައިސަސް އިން ސްެޓެލްކޯއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނިން ސްޓެލްކޯއަށް ގެނެސްދިން ހަ ޓަނުގެ ފޯކްލިފްޓެއްގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 1.3 މިލިއަނެއްހާ ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
ސެންޓާ އެންޓަޕްރައިސަސް އިން މިމަހުގެ ދެވަނަ ދުވަހު ދައުވާކުރި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ހައްލުނުވެގެން މިހާރު ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.
ސެެންޓާ އެންޓަޕްރައިސަސް އާއި ސްޓެލްކޯއާ ދެމެދު މައްސަލަ ޖެހުނީ، ފޯކްލިފްޓާ ހަވާލުވާން ސްޓެލްކޯ އިން ދެކޮޅު ހެދުމުންނެވެ. ސްޓެލްކޯ އިން ބުނަމުންދަނީ އެއީ އެކުންފުނިން އޯޑަރު ދިން ކަހަލަ ފޯކްލިފްޓެއް ނޫން ކަމަށެވެ. އެގޮތުން އޯޑަރު ދިނީ ހަ ޓަނުގެ ފޯކްލިފްޓަކަށް ކަމަށާއި ނަމަވެސް، ގެނެސްފައިވަނީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ދަނީ ބުނަމުންނެވެ.
ސްޓެލްކޯ އިން ވަނީ ފޯކްލިފްޓާ ހަވާލުވާން ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ސެންޓާ އެންޓަފްރައިސަސް އަށް އަމުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ސްޓެލްކޯ އިން އެދުނު ގޮތަށް، 2015 ވަނަ އަހަރުގެ ޖެނުއަރީގައި ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް، އެ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ. ސްޓެލްކޯ އިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު، މިހާރު ވެސް އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ސެެންޓާ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރިއިރު، ޓަގް ބޯޓުގެ މައްސަލައިގައި އެ ކުންފުނިން އެމްޕީއެލްއާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެކުންފުންޏަށް 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެމްޕީއެލްގެ މައްޗަށް އަމުރުކޮށް ހުކުމް ކޮށްފަ އެވެ.