ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ސްޓެލްކޯ އާއި ފެނަކަ ކޯޕްރޭޝަން އިން ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ވެސް ޑޮލަރު ގަންނަން ފައިސާ ދައްކާފައި ވަނީ ފެނަކަ ކޯޕަރޭޝަނަށް ވެސް އެއް މިލިއަން ޑޮލަރު (17 މިލިއަން ރުފިޔާ) ގަތުމަށް ފައިސާ ދިން ޝަރޫ ލޯންޗް ސާވިސްއަށެވެ. ފެނަކަ އާއި ސްޓެލްކޯ އަށް ފައިސާގެ ބަދަލުގައި ދިން މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކްތައް ވަނީ ބައުންސް ވެފައި ކަމަށް ދެ ކުންފުނިން ވެސް ބުނެއެވެ. އަދި އެ ޑޮލަރު ޗެކްތައް ބައުންސްވުމުން އަނބުރާ ދިވެހި ރުފިޔާގެ ޗެކްތައް ވެސް ވަނީ ބައުންސް ވެފައެވެ. މިހާރު ދެ ކުންފުނިން ވެސް ވަނީ އެ ފައިސާ ހޯދުމަށް ޝަރޫ ލޯންޗް ސާވިސްއާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ އެ ފައިސާ ނުލިބުމުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގައި ކުރިއަށް ގެންގޮސް، ދެ ކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން މިހާރު ޝަރީއަތަށް ފޮނުވާފައި ކަމަށެވެ. ހަމައެހެންމެ ފެނަކަ ކޯޕްރޭޝަންގެ ފަރާތުން ވެސް އެފައިސާ އަނބުރާ ހޯދުމަށް މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެނަކަ އާއި ސްޓެލްކޯ އިން ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ އެމްއެމްއޭ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ފަރާތެއްގެ އަތުން ބޭރުފައިސާ ގަތުމަކީ އެމްއެމްއޭގެ ގަވާއިދުތަކާ ހިލާފް ކަމެއް ކަމަށެވެ. އެގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވިޔަސް އަދި ކުންފިންޏަކުން ކަމަށް ވިޔަސް އަދި އަމިއްލަ ކުންފުންޏެއް ނުވަތަ ފަރުދެއް ވިޔަސް ބޭރުފައިސާ ގަނެ ވިއްކޭނީ އެކަމަށްޓަކައި އެމްއެމްއޭ އިން ހުއްދަ ހޯދައި އެކަމުގެ ލައިސަންސް ނައިގައިގެން ކަން އަޒީމާ ފާހަގަކުރެއްވިއެވެ. އެނޫން ގޮތަކަށް ބޭރުފައިސާ ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.
އަޒީމާ ވިދާޅުވީ މަނީ ޗޭންޖާކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައްތައް ކުރަންވީ ގޮތުގެ ގަވާއިދެއް އެމްއެމްއޭ އިން އެކުލަވާލާފައި ވާނެ ކަމަށެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ މަނިޓަރީ ގަވާއިދުގެ ދަށުން މަނީ ޗޭންޖާ ކަމުގެ ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައި ވަނީ 471 ފަރާތަށެވެ. އެ ފަރާތްތަކުގެ ތެރޭގައި ޝަރޫ ލޯންޗް ސާވިސް ނުހިމެނެއެވެ.
ދައުލަތުގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް ޑޮލަރު ގަތުމުގައި "ކެހި" ލިބިފައިވާ އިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ޑޮލަރު ގަތުމަށް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ މޯލްޑިވް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދިން ފައިސާގެ ބަދަލުގައި ޑޮލަރު ވެސް އަނބުރާ ފައިސާ ވެސް ނުލިބޭ މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.