އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ކުރިއަށް ގެންދިޔަ އެ ސެޝަންގައި ވަނީ އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތެއް ދެނެގަނެވިދާނެ ގޮތްތަކާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ހިއުމަން ޓްރެފިކިންގ ގާނޫނުގައިވާ މުހިންމު ބައިތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.
މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިންގ އިންވެސްޓިގޭޝަން ޔުނިޓްގައި މަސައްކަތްކުރައްވާ ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު ޖިނާޙް އެވެ.
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް މުޅިއަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.