Advertisement
ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 19:56
ރައީސް ޔާމީން: އެއްލައިދޫ މަނިކުއަކީ ރައީސް ޔާމީންގެ ދައްތަ، މޫމިނާގެ ފިރިކަލުން
ރައީސް ޔާމީން: އެއްލައިދޫ މަނިކުއަކީ ރައީސް ޔާމީންގެ ދައްތަ، މޫމިނާގެ ފިރިކަލުން
މުހައްމަދު ޝަރުހާން
ލޯނުތަކަށް ގެރެންޓީ ދިނުން
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ގެރެންޓީ ދިނުމަށް ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާފަ
ސިޔާމަށް ދޭ ގެރެންޓީގެ ކުރިން މަނިކުއަށް ގެރެންޓީ ދޭނެ
މަނިކު ލޯނު ނަންގަވަނީ ގަސްވެލި ތަރައްގީކުރުމަށް

ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ނަންނަވާ 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 617 މިލިއަން ރުފިޔާ) ގެ ލޯނަކަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޗައިނާގެ ބޭންކަކުން އެއްލައިދޫ މަނިކު ނަންގަވަން އުޅުއްވާ 40 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީ ދިނުމުގެ ހުރިހާ އިންތިޒާމްތަކެއް ފިނޭންސް މިނިސްޓްރީ އިން މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި ގެރެންޓީ ދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްލައިދޫ މަނިކު 40 މިލިއަން ޑޮލަރުގެ ލޯނެއް ނަންގަވަން އުޅުއްވަނީ މ. އަތޮޅު، ގަސްވެލީގައި 60 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށެވެ.

 

އެއްލައިދޫ މަނިކަށް 40 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ދިނުމަށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީންގެ އަރިސް، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމަށް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ގެރެންޓީ އެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމާއި މަނިކު ވެސް ލޯނު ނަންގަވަނީ ޗައިނާގެ އެއް ބޭންކަކުންނެވެ. އަދި ސިޔާމަށް ގެރެންޓީ ދިނުމުގެ ކުރިން މަނިކު ނަންގަވާ ލޯނަށް ގެރެންޓީ ދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

 

ސިޔާމް ލޯނު ނަންގަވަނީ ނ. މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށާއި އެ އަތޮޅު ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ.  މާފަރު އެއާޕޯޓް މަޝްރޫއު ސިޔާމަށް ދީފައިވާކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، ދިގުރަށުގައި ތަރައްގީ ކުރާ ރިސޯޓް ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓަށެވެ.

 

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި މަނިކުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

 

މިފަދައިން ސަރުކާރުން ގެރެންޓީ ދީގެން ނަގާ ލޯނެއް އެ ފަރާތަކުން އަނބުރާ ނުދައްކައިފިނަމަ، އެ ލޯނެއް އަނބުރާ ދައްކަން ޖެހޭނީ ސަރުކާރަށެވެ. އަދި މިފަދަ ގެރެންޓީތައް ހިމެނިގެންދާނީ ދައުލަތުގެ ދަރަނީގެ ތެރޭގަ އެވެ.

 

އެއްލައިދޫ މަނިކު އަށް 40 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ދިނުމަށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، ނަސަންދުރަ ހުރި ބިމުގައި 25 ބުރީގެ ހޮޓަލެއް އެޅުމަށް ވެސް ދީފައިވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ. ނަސަންދުރަ ހުރި ބިން މަނިކުގެ ގެލެކްސީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅާފައިވެ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެ މައްސަލަ ތާށިވެފައި އޮތްއިރު، އެކަމާ ގުޅޭ ގޮތުން އެ އޮފީހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް