ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުން ނުވަތަ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުން، އެއީ ފިރިހެން ބޭފުޅެއް ނަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ފަދަ އަނބިކަނބަލަކު ހުންނެވުމަކީ ޝަރުތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.
ނިހާނު އެގޮތަށް ވިދާޅުވީ ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނިހާނު ވިދާޅުވީ 2018 ވަނަ އަހަރު އެއީ ރައީސް ޔާމީންގެ އަހަރެއް ކަމަށާއި ދިއިކޮޅު ފަރާތްތަކުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދެމުންދާ ކަމަށެވެ. އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ޝައްކު ނުކުރައްވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ 2018 ގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.
"2023ގެ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ޝަރުތެއް ދަންނަވާލާނަން... 2023ގަ ކުރިމަތިލާ ކެންޑިޑޭޓަކު، އެއީ ފިރިހެން ބޭފުޅެއް ކަމަށް ވެއްޖިއްޔާ މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ގެންގުޅުއްވަން ހަނދުމަފުޅު ކުރައްވައްޗޭ، އެއީ ޝަރުތެކޭ ދަންނަވާލަން،" އެޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވި އެވެ.