ވިސާއާ ނުލައި ކިއުބާގެ ރައްޔިތުންނަށް އެމެރިކާގައި ތިބެވޭ ގޮތަށް އޮތް އޮތުން ރައީސް ބަރަކް އޮބާމާ ނިމުމަކަށް ގެންނަވައިފިއެވެ.
މީގެ 20 އަހަރު ކުރިން ފެށިގެން އޮންނަ އުސޫލަކީ އެމެރިކާގެ ފަސްގަނޑަށް އެތެރެވާ ކިއުބާގެ ކޮންމެ ރައްޔިތަކު ވެސް އަހަރެއް ވުމުން އެމީހުންނަކީ ދާއިމީކޮށް އެގައުމުގައި ދިރިއުޅޭ މީހުން ކަމުގައި ބެލުމެވެ. އަދި އެފަދަ މީހަކު އަނބުރާ ކިއުބާ އަށް ނޭރޭ ގޮތަށް މީގެ ކުރިން ކިއުބާ އިން އޮތީ ހަމަޖައްސާފައެވެ.
ނަމަވެސް އެމެރިކާ އިން މި ގެނައި އިސްލާހާ އެކު ކިއުބާއިން ވެސް ވަނީ އަނބުރާ ކިއުބާއަށް ދާ ފަރާތްތައް ނުވަތަ އެމެރިކާއިން ޑީޕޯޓް ކުރާ ކިއުބާގެ ރައްޔިތުން އެގައުމަށް ވަނުމަށް ހުއްދަދޭން ނިންމާފައެވެ.
އެމެރިކާގައި ދިރިއުޅޭ ކިއުބާގެ އެތައް ބަޔަކު ބުނަމުންދަނީ މިއީ އިންސާނީ ހައްގުތަކާ މެދު އޮތް ކަންބޮޑުވުންތަކަށް އަޅާނުލާ އޮތް ސަރުކާރަކަށް އެމެރިކާއިން ދޭ ހަދިޔާއެއް ކަމަށެވެ. ނަމަވެސް ރައީސް ބަރަކް އޮބާމާ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ވެސް ގެންދަވަނީ ކިއުބާއާ މެދު އޮތް ގުޅުން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް އޮބާމާ ވިދާޅުވެފައިވަނީ މި ގެނެވުނު ބަދަލާއެކު ކިއުބާގެ ރައްޔިތުންނަށް ވެސް މަރުހަބާ ކިޔާނީ އެހެން ގައުމުތަކުން ހިޖުރަކުރާ ފަރާތްތަކޭ އެއްގޮތަށް އެގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
ޓީވީ މެދުވެރިކޮށް ގެނެސްދިން ބަޔާނެއްގައި ކިއުބާގެ ސަރުކާރުންވަނީ އެ ނިންމުމަށް ތައުރީފްކޮށް އެއީ ގުޅުން ބަދަހިކުރުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށް ބުނެފައެވެ.