ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 21:56
މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދު
މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދު
އަވަސް
މައުމޫން
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ފުލުހުން ބޭނުން ކުރީ ގާނޫނުން ލިބިގެން ނުވާ ބާރެއް

ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ޕީޕީއެމް ހާޑްޑިސްކްގެ މައްސަލާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ސުވާލު ކުރަން ޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

 

ހާޑްޑިސްކްގެ މައްސަލާގައި ފުލުހުން ރައީސް މައުމޫނާ ސުވާލު ކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ފުލުހުން ރައީސް މައުމޫނާ ސުވާލު ކުރުމަކީ ފުލުހުން ކުރި ކުށެއް ކަމަށެވެ. އަދި ސުވާލު ކުރި ފުލުހުންނަކީ ކުށްވެރިން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށް މައުމޫން ހަމީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
 

 

މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ ފުލުހުން ކިތަންމެ އިޙްތިރާމާއެކު ސުވާލު ކުރި ނަމަވެސް ފުލުހުން އެ ބޭނުން ކުރީ އެ މީހުންނަށް ގާނޫނީ ގޮތުން ލިބިގެން ނުވާ ބާރެއް ކަމަށާއި އެއީ ކުށަށް އަރައިގަތުން ކަމަށް މައުމޫން ހަމީދު ސުފަ ކުރެއްވިއެވެ.

 

މައުމޫން ހަމީދު އޭނާގެ އެ ވާހަކަތައް ސާބިތު ކޮށްދިނުމުގެ ގޮތުން ފުލުހުންގެ ގާނޫނުގެ ބައެއް މާދާތައް ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) މައުމޫން ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

 

އެ މާއްދާގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް މުވައްޒަފަކު ފުލުހުންގެ ދައުރު އަދާ ކުރުމުގައި ނުވަތަ އެ މީހަކަށް ހަވާލު ކުރެވިފައިވާ އެއްވެސް މަސައްކަތެއް ފުރުހަމަ ކުރުމުގައި ގަސްދުގައި އެނގިހުރެ އެ މީހަކަށް ބާރާއި އިޙްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފި ނަމަ ނުވަތަ އެނޫން ގޮތަކަށް ވެސް އަމަލު ކޮށްފި ނަމަ އެ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

 

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނާ ސުވާލުކުރުމަށް ދިޔަ ފުލުހުން ހާޑް ޑިސްކްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާތޯ ސުވާލު ކުރި ކަމަށެވެ.

 

ރައީސް މައުމޫން ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިނުލައްވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ސުވާލުކުރަންޖެހޭނީ ގާނޫނާ ޚިލާފަށް ގަދަކަމުން ޕީޕީއެމްގެ އޮފީހުގައި ހުރި ތަކެތި ގެންދިޔަ މީހުންނާ ކަމަށެވެ.

- ކޮމެންޓް