ކ. މާލެ
|
12 ޖެނުއަރީ 2017 | ބުރާސްފަތި 15:53
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނުން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނުން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ގޫގުލް
ނެކްސްބިޒް
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ނެކްސްބިޒް އަށް 15 މިލިއަން ޑޮލަރު ދިނުމަށް އެންގީ ޑިސެމްބަރު 19 ގައި
ސަރުކާރުން ނެކްސްބިޒް އެއްބަސްވުން އުވާލީ ދައުލަތަސް ގެއްލުން ބޮޑު ކަމަށް ބުނެ
ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި
އެއްބަސްވުން އުވާލުމުގައި ރައީސް ޔާމީނުގެ ދައުރު ބޮޑު

ރާއްޖޭގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން މެލޭޝިއާގެ ނެކްޒްބިޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭގެ ބަދަލެއްގެ ގޮތުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި، އެންގުން އަދިވެސް ދިރާސާ ކުރަމުންދާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

 

އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލުމުގެ ސަބަބުން ނެކްސްބިޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެކުންފުންޏަށް ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަރުކާރަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

 

ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ބަންޑާރަނައިބު އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން އެ ނިންމުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ވަކީލުންގެ ރިވިއުއަށް ފަހު ރިޕޯޓް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

 

މޯލްޑިވްސް އިމިގްރޭޝަން ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒާއި ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ހެދި 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ އެއްބަސްވުން އުވާލާފައިވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެއްބަސްވުން އުވާލި އިރު، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުން 2012 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވެސް އެއްބަސްވުން އުވާލަން ނިންމި އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލީ، އެ އެއްބަސްވުމަކީ ދައުލަތަށް ގެއްލުން ބޮޑު އަދި ކުރިއަށް ނުގެންދެވޭނެ އެއްބަސްވުމެއް ކަމަށް ބުނެ އެވެ. އަދި ނެކްސްބިޒާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރާނެ ކަމަށް އެއިރުގެ ބަންޑާރަނައިބު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވެ އެވެ.

 

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް 20 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުން އުވާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ގޮތުގައި 268.6 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ހޯދުމަށް ނެކްސްބިޒް އިން ސަރުކާރަށް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުން ފައިސާ ދިނުމަށް ދެކޮޅު ހެދުމުން ނެކްސްބިޒް އިން ވަނީ ދިވެހި ސަރުކާރުގެ އަތުން 268.6 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލި މައްސަލައިގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާއިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހެދި އެއްބަސްވުން ވެސް ދިވެހި ސަރުކާރުން އުވާލީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އާބިޓްރޭޝަނުން ވަނީ ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން އަންގާފަ އެވެ.

 

ސަރުކާރުން މިހާރު ވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސް ކޮށްފަ އެވެ. ޖީއެމްއާރަށް ފައިސާ ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވުން 140 މިލިއަން ޑޮލަރު ނަގައިގެންނާއި އެއާޕޯޓް ކުންފުނިން ފައިސާ ނަގައިގެންނެވެ.

- ކޮމެންޓް