Advertisement
ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 19:16
ވިލިނގިލީ ރައްޔިތުން ކައުންސިލާ ބައްދަލުކުރަނީ: ރެކޯޑް އޮތް މީހެއް ދޫވެފައިވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ވިލިނގިލީ ރައްޔިތުން ކައުންސިލާ ބައްދަލުކުރަނީ: ރެކޯޑް އޮތް މީހެއް ދޫވެފައިވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ފޭސްބުކް
ކުޑަކުދިންނަށް ކުރާ އަނިޔާ
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
އެ މީހާ ދޫކޮށްލީ މެޖިސްޓްރޭޓް ކޯޓުން
މީގެ ކުރިން އެފަދަ މައްސަލައެއްގައި އަރުވާލާފައިވާ މީހެއް

ކުޑަކުއްޖަކާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން ގއ. ވިލިނގިލީ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިިފި އެވެ.

 

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކޮށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ވަނީ ހުއްދަ ދީފަ އެވެ.

 

ނަމަވެސް، އެ 15 ދުވަސް ހަމަވުމުން އަނެއްކާ ވެސް ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލާފައިވާއިރު، ފުލުހުން ވަނީ އޭނާއަކީ މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓަން އެކަށީގެންވާ މީހެއް ނޫން ކަމަށް ކޯޓުގައި ބުނެފަ އެވެ.

 

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިނގިލީ މީހަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ މީހާއަކީ މީގެ ކުރިން ކުޑަކުއްޖާ ބެހުނު މައްސަލައެއްގައި އަރުވާލާފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ވިލިނގިލީ ރައްޔިތުންތަކެއް ކައުންސިލް އިދާރާގެ ބޭރުގައި، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ ރެކޯޑް އޮތް މީހަކު ދޫކޮށްލުމުން

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު ވިދާޅުވީ އެ މީހާ ދޫކޮށްލުމުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

 

އެގޮތުން ކައުންސިލް އިދާރާ އަށް، ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުން ހާޒިރުވެ، އެ މީހާ ދޫކޮށްލި މައްސަލަ ބަލައި ދިނުމަށް އެދިފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

 

ކައުންސިލާ ބައްދަލުކުރުމަށް ފަހު ވިލިނގިލީ ރައްޔިތުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް ގޮސް އެތަނުގެ ވެރިންނާ ވެސް ބައްދަލުކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

އުމުރުން 13 އަހަރުގެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް