މީހުން އަރަތާއި ޖޯކު ކިޔާ އުޅެނީ ހިނގާފައިވާ ހާދިސާތަކާއި ކަންކަމުގެ މައްޗަށް ބިނާކޮށްފައެވެ. ރީތިގޮތަކަށް ބަސްތައް އަތުރާލައިގެން އެކަންކަން ޖޯކުގެ ގޮތުގައި ކިޔަސް ބަޔަކަށް ކަމުދާނީ އޭގައި އޮއްޓަރެއް ހުރި ކަމެއް ހުރެގެންނެވެ.
މިހާތަނަށް އައިއިރު މިއަހަރުގެ ބޮޑު ޖޯކުގެ ގޮތުގައި ބެލެވިފައިވާ އެއްކަމަކީ ރައީސް މީހާ ހީނުކުރައްވާފަދަ ހުހުކުމެއް ކުރުމެވެ. ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ވަރުގަދަ އަމުރެވެ.
އަމުރު ނެރުމާއެކު އެކޯޓު ހިސާރުކޮށް ފުރާޅުން ޓިނު ނަގައިގެން ވަދެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންގޮސް ހައްޔަރު ކުރީއެވެ. އޭގެ ފަހުން އެމީހުންނަށް ނުކުރާކަ ތުހުމަތެއް ނެތެވެ. އަމުދުން 2013 ވަނަ އަހަރުން ފެށިގެން ވެސް ކުރަމުން އައި ކަންތައްތަކެއްގެ ވާހަކަ ނަގައި އެވަރުގެ ނުބައިބަޔަކު ނެތްހާ ވަރަށް ކަންކަން ގެންދިޔައީއެވެ. ކުރިން ނުބެލި ހުރި ކަންކަން ބެލި އެކަންކަން ސާބިތުވާވަރުގެ ހެކިތައް ވެސް ފެނުނީއެވެ. އަމުރު ނެރެން ތިބި ބަޔަކު ނެރުނު އަމުރަކާ ގުޅިގެންނެވެ. އޭގެ ކުރިން ރައީސް މީހާއާއި ރައީސް މީހާގެ ސަރުކާރަށް ފައްސިޔަޔަށް ނެރުނިއްޔާ ނެރުނުހާ އަމުރެއް ހަމަ ބަރާބަރެވެ. އޯކޭއެވެ. ގޯސްވީ ނެރުނު ހަމަ އެންމެ އަމުރެކެވެ. މިއީ ޖޯކު ނޫން ދެން ކޮންއެއްޗެއް ތޯއެވެ.
އަމުރު ނެރުނު 5 ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރަކު ހައްޔަރުކޮށްގެން ބުރިން ހަންނަގާވަރާ ހަމައަށް ގެންގޮސްފައިވަނީ އެވެރިންގެ ހިތް ނިޔަތް ގޯސްވީމަޔޯލައެވެ. އެކަމަކު އެއަމުރު ނެރުމުގެ އަޣްލަބިއްޔަތު އޮތް މިހާރު ތިއްބެވި 3 ފަނޑިޔާރެއްގެ ހިތް ނިޔަތް ހަމަ ބޯކިރުކޮޅެއްހާ ސާފޯލައެވެ. ފަހަރުގައި އެއީ އަމުރު ތަންފީޒް ނުކޮށް ދެއްކި ބަހަނާތަކާ އެއްގޮތަށް އަމުރުގެ ބައިތައް ބައިބަޔަށް ބާތިލް ކޮށްދިނީތީ ވީގޮތަކަށް ވާނަމަ އެއީވެސް ކިހާބޮޑު ޖޯކެއް ހެއްޔެވެ. އެއީ އިއްތިފާގަކަށްވާނަމަ އެވެސް އިއްތިފާގޭ ޖޯކެއްތާއެވެ.
މިހާރުވެސް އެއަމުރު އެބައޮތެވެ. އަމުރު ނެރުނު 5 ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުން އުނިކުރިނަމަވެސް އަޣްލަބިއްޔަތު އޮތީ މިހާރު ތިއްބެވި ހިތްނިޔަތް ޚާލިސް ތިންފަނޑިޔާރުންގެ އަތްމަތީގައެވެ. ހަމަގައިމުވެސް އެއަމުރު ގޯސް ކަމަކަށް އެއިން އެއްވެސް ފަނޑިޔާރަކު އަދިއެއް ނުބުނެއެވެ. އެހެން ކަމަށްވާނަމަ އެހުކުމް ތަންފީޒް ނުކޮށް ބޮޑު ސިންގާ ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައިގެން އޮތުމަކީ ވެސް ހީނހީ ބަނޑުގައި ގޮށްލާވަރުގެ ޖޯކެކެވެ. އަމުރު ނެރުނު ފަނޑިޔާރުން ނުފޫޒް ފޯރުވައިގެން ހުކުމް ކުރިކަމަށް ދެކޯޓެއްގެ ޤާޒީއަކު ބުނީތީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ހަމީދަށް ޖަލުހުކުމެއް އިއްވިއިރު އެމީހުން ބުނެގެން ބުނިގޮތައް ހުކުމްކޮށް އިންސާފް ނަގާލި ދެ ޤާޒީން ހަމަ އެހެން ހުކުމް ކުރަން ބައިތިއްބާފައި ތިބި ތިބުމަކީ އަނެއްކާ "ނުފޫޒީ" ޖޯކެއް ނޫންބާއެވެ.
ކޮންމެއަކަސް މިހާރު އެކެއް ފެބްރުއަރީގެ އަމުރު މިވަނީ ހަމަ ހަޤީގަތުގައި ވެސް ބޮޑު ޖޯކަކަށްވެފައެވެ. އެންމެބޮޑު ޖޯކަކަށްވަނީ އެއަމުރު ތަންފީޒް ނުކޮށް ޤާނޫން އަސާސީއާ ޤާނޫނާ ޚިލާފަށް އުޅެމުންދާދިއުމުގެ ޖޯކެވެ. މަގެ ދީނާ މަގެ ޤައުމޭ ކިޔައިގެން މާދީނީވެފައި ތިބެގެން އިސްލާމްދީނާ ޚިލާފް ވާތީ ރައްޔިތުން ހީހީފައި ޖަހާ ބޮޑު ޖޯކެވެ.