އަމިއްލަ އިއުތިރާފުން ތިމަންނަ ބައެއް ހުކުމްތައް ނެރުނީ އެހެން މީހަކު ލިޔެދިނީމަ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އެ ވަނީ ވިދާޅުވެފަ އެވެ. ކިތަންމެ ސިއްރުން ދެއްކެވި ވާހަކައެއް ނަމަވެސް އެ ވާހަކަ އެ ވަނީ އެންމެނަށް އެނގޭ ބޮޑު ސިއްރަށްވެފަ އެވެ. ލީކްވެގެން އުޅޭ ބަޔާން ތަކުންނާއި ފިލާ ސިއްރުން ހުންނަވައި ދެއްވި ބަޔާންތަކުން ގާޒީ ހަލީމްގެ އަސްލު ސިފަ އެނގި އެވަނި ބޭޒާރުވެފައެވެ.ސިވިލް ކޯޓަށް ދާ ކޮންމެ މީހަކަށްވެސް އެތަނުގައި އިސް ގާޒީއަކަށް އިނީ މިނިވަންކަން ގެއްލިފައިވާ އަދި މަގާމު ހަސިއްޔަތެއްވެސް މިހާރު ނެތް މީހެއްކަން ވެސް އިނގޭނެ އެވެ.
ގާޒީންނަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް މިނިވަން ކަމާއެކު ވަކި ފަރާތެއްގެ ނުފޫޒު ނެތި އިންސާފުވެރި ހުކުމްތަކެއް ނެރެން ޖެހޭ ބައެކެވެ. ނަމަވެސް ހިތާމައަކީ އިސްލާމުންނޭ ކިޔައިގެން އަތް ޖަހަ ޖަހާފައި އަނެއް ބަޔަކު ކާފަރުކުރާ މީހުންވެސް ހަލީމް ފަދަ ބޭފުޅުނަކީ ހަމަ ގާޒީން ކަމަށް ގަބޫލުކުރެ އެވެ.
ގައުމެއްގެ ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތި ކަމަކީ އޭނާ އިންސާފު ހޯދަން ދާން އޮތް ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގުމެވެ. އިންސާފުވެރި ޝަރީއަތަކީ ކޮންމެ މީހަކަށް ލިބެން ޖެހޭ އަސާސީ ހައްގެކެވެ.
ޖިނާއީ އަދުލުގެ ނިޒާމް ފުނޑިފައިވާ މިންވަރަކީ މި ދެންނެވި ގާޒީ، ހަލީމް ފުލުސް އޮފީހަށް ގޮސް ތިމަންނަ ބައެއް ހުކުމްތައް ކުރީ އެހެން ފަނޑިޔާރަކު އިތުރުކޮށްފައިވާ ބަޔަކާ އެކު ކަމަށް ވިދާޅުވީމަ ވެސް އޭނާގެ މައްޗަށް ތަހްގީގެއް ހިންގައި ދައުވާ ކޮށްފައި ނެތުމެވެ. އެކަމު އެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ލިބުނު އެ މައުލޫމާތާ ގުޅިގެން މިހާރު އެ ވަނީ ދައުވާ އެއްކޮން ހުކުމް ވެސް ކޮށްފަ އެވެ.
ހަވީރު ނޫހުގެ މުވައްޒަފުންނާ ގުޅުވައި ކުރި ހުކުމާއި ވިލާ ކުންފުންޏާ ގުޅޭ މައްސަލައެއްގައި ނިންމި ނިންމުންތަކަކީ ވަކި މީހެއްގެ ނުފޫޒުން ނިންމި ނިންމުންތަކެއް ކަމަށް ހަމަ އެކަނި ފުލުހުންގެ ތަހްގީގުގައި ވިދާޅުވީކީ ވެސް ނޫނެވެ. ކްރިމިނަލް ކޯޓުގެ ޝަރީތުގެ މަޖިލީހުގައި ﷲ ގަންދީ ހުވާކޮށް ހެކިބަސް ވެސް ދިނީ ނުފޫޒުތައް އައިސް ހުކުމްތަކެއް ކުރީ ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ފަނޑިޔާރުންގެ ނިންމުންތަކާއި އަމުރުތަކާއި ހުކުމްތައް ކުރަން ވާނީ ވަކި ފަރާތަކަށް ނުޖެހި ނުފޫޒަށް ބެލުމެއް ނެތި ވަކި މީހަކު ދައްކަފާނެ ބިރަކަށް ބެލުމެއް ނެތި ކަމަށް ބުނެފައިވެ އެވެ. އެ ސިފަ ނެތި ގާޒީއަކަށް ނުހުރެވޭއިރު އަދިވެސް ހަލީމް ގާޒީވެސް އެ ހުންނެވީ ގާޒީ ކަމުގައި އެވެ. ނުފޫޒެއް އެހެން ފަނޑިޔާރަކު ފޯރުވާނަމަ ވެސް އެ ވާހަކަ ޖުޑިޝަލް ސާވީސް ކޮމިޝަނަށް ރިޕޯޓްކޮށް އެކަން ސަމާލުކަމަށް ގެންނަންވާނެ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ވެސް މި އެނގުނީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކަށްފަހު އެ ބޭފުޅުން ހައްޔަރުކުރީމަ އެ ވާހަކަދެއްކުމުން ހަލީމްގެ ހުރީ ކޮން އިހްލާސްތެރިކަމެއް ހެއްޔެވެ. އެއްކޮޅަކުންވެސް ގާޒީ ހަލީމަށް އެ މަގާމުގައި ހުރެވިދާނެ ކަމަށް ގަބޫލު ކުރެވޭނެ ހަމައެއް ނުދެއްކޭނެ އެވެ. މިވަރުވީމަވެސް މި ރާއްޖޭގައި މިއީ މައްސަލައަކަށްވީހެނެއް ހިޔެއްނުވެ އެވެ. މީހުން ބުނާތީ އަޑު އިވެނީ އެހެން ތަނެއް ނަމަ މިހާރު އެ ގާޒީއަށް ހުކުމް ކުރަން ނުކެރޭ ވަރަށް އިހްތިޖާޖުތައް ކޮށް ގައުމު ކައްކުވާލާފީސް ކަމަށެވެ.