ދިވެއްސަކު ފުރަތަމަ ފަހަރަށް ކަނޑުގެ އަޑީގައި ކައިވެންޏެއް ކުރީ މީގެ 17 އަހަރު ކުރިންނެވެ. އެއީ 2001 ވަނަ އަހަރު ވޭލް ސަބްމެރިންގައެވެ. އެ ރެކޯޑް މުގުރާލީ ހަސަން އަހުމަދު މަނިކު ނުވަތަ މަޝްހޫރު "ލަކުޑިބޯ" އާއިލާއިންނެވެ. 17 އަހަރަށް ފަހު އަނެއްކާވެސް ހަމަ އެ އާއިލާއިން މި ވަނީ އެ ރެކޯޑް އާކޮށްފައެވެ.
މިފަހަރު ހަސަން އަހުމަދު މަނިކު "ލަކުޑިބޯ" އަށް ބޮޑުބޭބެ ކިޔާ އެއާއިލާގެ މައުރޫފް ސަލީމުގެ ދަރިފުޅު މުހައްމަދު މަފްޒޫލް މައުރޫފެވެ. މަޝްހޫރު ލަކުޑިބޯ އާއިލާއަކީ ގިނަ ޑައިވަރުންތަކެއް އެ އާއިލާއަކަށް ނިސްބަތްވާ އާއިލާއެކެވެ. ކަނޑުގެ އަޑީގައި މިފަދަ ދެވަނަ ކައިވެންޏެއް އެ އާއިލާގެ ކުއްޖަކު ކުރުމަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ އެއީކަމަށް ވުން އެކަށީގެންވެއެވެ.
23 އަހަރުގެ މަފްޒޫލް މައުރޫފާއި 18 އަހަރުގެ ރާނިޔާ އަޝްރަފް ކައިވެނި ކުރީ 3 އަހަރު އެ ދެ ޒުވާނުން ރަށްޓެހިވެގެން އުޅުމަށްފަހުއެވެ. ރާނިޔާ އަކީވެސް ޑައިވް ކުރާ ޒުވާނަކަށް ވުމުން ކަނޑު އަޑީގައި ކައިވެނި ކުރުމަކީ އެމީހުން ދެކެމުން އައި ހުވަފެނެކެވެ. ދެމީހުންގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ 13 މެއި 2018 ވަނަ ދުވަހުގެ މެދުރު ފަހު 3.40 ގައި ކަނޑުގެ އަޑީގައި މަފްޒޫލް އޭނާގެ އަނބި "ރާނީ" ގަބޫލު ކުރުމާއި އެކުގައެވެ. އެއާއިއެކު 1700ރ ގެ ރަން ރާނިޔާއަށް ރައްދުކުރެވުނެވެ.
"ދެމީހުންވެސް ޑައިވް ކުރަން. އެހެންވެ ހިތަށް އެރީ ތަންކޮޅެއް ޔުނިކް ކަމެކޭ ކުރާނީ، އެހެންވެ ކަނޑު އަޑީގައި ކައިވެނި ކުރަން އުއްމީދު ކުރީ" ބޭނުންވާ ގޮތަށް ކައިވެނި ކުރެވުނީތީ އުފަލުން ފޮޅިފައި އިން ރާނިޔާ ބުންޏެވެ.
ކައިވެނި ހަފްލާތައް އިންތިޒާމުކުރާ މަޝްހޫރު ވެޑިންގް ޕްލޭނިންގ ކުންފުނި "ޕަރފެކްޓް ސެލެބްރޭޝަންސް" އިން މި ކައިވެނީގެ ކަންކަން އިންތިޒާމުކޮށް ރޭވިފައިވާ ގޮތަށް ވޭލް ސަބްމެރިންގައި 30 މީޓަރަށްވުރެވެސް އަޑީގައި ކައިވެނިކޮށް ނިންމާލީ ހަމަ "ޕަރފެކްޓް" ކޮންނެވެ.
ކައިވެނީގެ ކަންކަން ސަބްމެރިންގައި ކޮށް ނިންމާލުމަށްފަހު، ޑައިވް ކުރާ އެ ދެމަފިރިން ބޭނުންވީ ކައިވެނީގެ ރީތި ހެދުމުގައި ކަނޑުގެ އަޑީގައި ފީނާލުމަށެވެ. އެހެންކަމުން ކައިވެނި ނިންމާލައި އެ ދެމީހުން އެރީ ސަބްމެރީންގެ ޕްލެޓް ފޯމަށެވެ. އެމީހުން ބޭނުންވި ގޮތަށް ކަނޑުގެ އަޑިއަށް ފީނުމަށް ތައްޔާރުވުމަށެވެ.
އޭރު 12 ޑައިވަރުންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ޑައިވަރުންގެ ޓީމެއް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އިންތިޒާމު ކުރެވިފައިވާގޮތަށް ޑައިވިން ގިއަރ އަޅައި ދެމީހުން ތައްޔާރުވެލީ ކަނޑުގެ އަޑިއަށް ފީނުމަށެވެ.
އޭރު އާއިލާގެ އެންމެން ތިބީ، ސަމްމެރިންގްގެ އެތެރޭގައި، ވަށައިގެންވާ ކަނޑުއަޑީގެ ރީތި ބަގީޗާގެެ ތެރެއިން އެ މީހުން ޑައިވްކޮށްފައި އައިސް އިޝާރާތެއް ކޮށްލާނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ.
"މަލްޓި މެރިން ސާވިސް" ގެ ކެމެރާތަކުން ދިޔައީ އެ ހުރިހާ މަންޒަރެއް ވީޑިއޯކޮށް ފޮޓޯ ނަގަމުންނެވެ. އަންޑަރވޯޓަރ ވީޑިއޯ ތިން ކެމެރާ އަދި ސްޓިލް ތިން ކެމެރާއިން ދިޔައި އެ މަންޒަރުތައް ނަގަމުންނެވެ.
ސަބްމެރިންގެ ވަށައިގެން ކަނޑުގެ 31 މީޓަރުގެ އަޑިން ކައިވެނީގެ ހެދުމުގައި މަފްޒޫލް އަދި ރާނިޔާ ފެނުނީ ވަރަށް ހިތްގައިމުކޮށެވެ. އޭރު އެމީހުން ދިޔައީ އާއިލާއާއި ރަށްޓެހިންނަށް ހަނާއަޅަމުންނެވެ. ސަބްމެރިންގައި ތިބި އާއިލާއާއި ރަށްޓެހިންގެ ފޯނުތައްވެސް ހުރީ އެދެމީހުނަށް އަމާޒުވެފައެވެ. ގާތްގަނޑަކަށް 40 ވަރަަކަށް މިނެޓްގެ ޑައިވްއަކަށްފަހު މައްޗަށް އެރިއެވެ. އޭރު ސަބްމެރިންގެ ޕްލެޓްފޯމްގައި އާއިލާއާއި ރަށްޓެހިންނަށް ޚާއްސަކޮށްފައި އޮތް ސައިގެ ކަންތައް އޮތީ ތައްޔާރުވެފައެވެ.
ރާއްޖޭގައި ކުރެވުނު ކަނޑު އަޑީގެ ދެވަަނަ ކައިވެނި ރޭވިފައިވާގޮތަށް ކޮށް ނިންމާލީ ހީކުރި ވަރަށްވުރެސް ފުރިހަމައަށް ކަމަށް އާއިލާއިން ބުންޏެވެ. މަފްޒޫލްގެ ބައްޕަ މައުރޫފް ސަލީމް ބުނިގޮތިގައި އެ އާއިލާއަށް މީ އާކަމެއް ނޫންނަމަވެސް މި ކުރެވުނު ކައިވެނީގެ ކަންކަން އުންމީދުކުރި ވަރަށް ވުރެވެސް ފުރިހަމައަށް ނިންމާލެވުނީތީ ވަރަށް ހިތްހަމަ ޖެހެއެވެ.
"ޚިޔާލް ކުރިވަރަށްވުރެވެސް ފުރިހަމައަށް މިކަން މި ދިޔައީ. ހީކުރި ވަރަށްވުރެ މާ ބޮޑަށް ހިތްހަމަ ޖެހިގެން މިކަން މި ނިމެގެން ދިޔައީ. ވަރަށް ރައްކާތެރިކަމާއި އެކު ނިމިގެން މި ދިޔައީ. އެކަމާއި ވަރަށް އުފާވެފައި އާއިލާގެ އެންމެންެވެސް މި ތިބީ" މައުރޫފް ބުންޏެވެ.
ރާއްޖޭގައި ކުރެވުނު ކަނޑުއަޑީގެ ދެވަނަ ކައިވެނީގެ މި އުފާވެރި ހަފްލާ ތިން ގަޑިއެއްހާއިރަށްފަހު ނިމެގެން ދިޔައީ، މަފްޒޫލްއާއި ރާނިޔާގެ ދިރިއުޅުމުގައި މިހާތަނަށް ކުރި އެންމެ އުފާވެރި ތަޖުރިބާގެ ދަތުރުގެ ގޮތުގައެވެ.