ކެޕްޓަން އަލީ އިހުސާން އެމްއެންޑީއެފްގެ ވަޒިފާއިން ވަކިވެވަޑައިގަންނަވައިފި އެވެ.
އިހުސާން ވަނީ ސިފައިންގެ ވަޒީފާ އިން ވަކިވެވަޑައިގެންނެވިކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އިހުސާން ވިދާޅުވީ ސިފައިންގެ ވަޒީފާ އަދާކުރައްވާތާ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހަށް 10 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސިފައިންގެ އިން ވަކިވުމަކީ ހަޔާތުގައި މިހާތަނަށް ނިންމަންޖެހޭ އެންމެ އުނދަގޫ ނިންމުން ކަމަށެވެ.
މީގެ އިތުރުން އިހުސާން ވަނީ ސިފައިންގޭގައި ނުވަތަ ފުލުހުންގެ ވަޒީފާގައި ފަސް ވަރަކަށް އަހަރު ވަޒީފާ އަދާކުރުމަށް ޒުވާނުންނަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ ޔުނިފޯމް ބޮޑީއެއްގައި މަސައްކަތް ކުރުމަކީ މީހާ ހަރުދަނާކޮށް ޝަޚްސިއްޔަތެއް ބިނާކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
އެގޮތުން، އެފަދަ ވަޒީފާއަކަށް ފަހު މުޖުތަމައު އަށް ނިކުންނަ އިރު އެހެން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް މީހާ ތައްޔާރުވެފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސިފައިންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޮފިޝަލް ވިދާޅުވީ ކެޕްޓަން އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކަށްޓަކާ ބުދަ ދުވަހު ކަމަށެވެ.
ސިފައިންގެ ވަޒީފާ އިން ވަކިވެވަޑައިގެންނެވި އިރު، ކެޕްޓަންއެއްގެ މަގާމުގައި ހުންނެވި އިހުސާން ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ހިބަޅިދޫއާއި މާލޭގެ ގެތަކުން ހަތިޔާރު ހޯދުމަށް ހިންގި ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. އެގޮތުން އިހުސާން އަކީ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި އިންކުއަރީ ކޮމިޝަނުގެ ވެސް މެންބަރެކެވެ.
މީގެ އިތުރުން، ސިފައިންގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިޕާޓްމެންޓާއި ސިފައިންގެ ބަޑިގުދަނުގެ ޚާއްސަ އޮޑިޓް ހެދުމުގައި އިހުސާން ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާފަ އެވެ.
އަލީ އިހުސާން ވަނީ 2006 ވަނަ އަހަރު އެމެރިކާގައި މިލިޓަރީ ސްޓްރެޓިޖިކް ޑިފެންސްގެ ދާއިރާއިންނާއި އިންފޮނޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި 2012 ވަނަ އަހަރު އެމެރިކާގެ މެރިންކޯއާއެކު ހަ މަސް ދުވަހުގެ ޓްރެއިނިންއެއް ވެސް ފުރިހަމަ ކުރެއްވި އެވެ.
ސިންގަޕޫރުގައި މާސްޓާމް ޑިގްރީ ހާސިލްކުރެއްވި އިހުސާން ވަނީ، އެމެރިކާގެ ސިފައިންނާއެކު ވައިކުޑައިގައި ފްލައިޓްތަކުން ފުންމުމުގެ އެއާބޯން ޓްރެއިނިން ވެސް ފުރިހަމަ ކުރައްވާފަ އެވެ.
އިހުސާންއަކީ ހަތިޔާރުތަކޭ ގުޅޭ ތަޖުރިބާކާރެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުގެ މައްސަލައިގައި ކޯޓަށް ވަޑައިގެން ހެކި ބަސް ދެއްވާފައި ވެސް ވެއެވެ.
ވަޒީފާއިން ވަކިވެވަޑައިގެންނެވި އިރު، ސިފައިންގެ ބަޑިގުދަނުގެ ވެރިޔާގެ ނައިބުކަމުގެ އިތުރުން ސިފައިންގޭގެ ތަރުޖަމާނުގެ ނައިބުގެ މަގާމުގައި ހުންނެވި ކެޕްޓަން އިހުސާން އަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ދަރިކަލުންނެވެ.