ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ބަޔަކު ހަމަލާދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި އަލީ ހަމީދަށް ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުގެ ސަބަބުން މައްސަލައިގެ ތަހުގީގު ހުއްޓާލައި ފައިލް ކޮށްފައިވާ ކަމަށެވެ.
ފުލުހުން މި ގޮތަށް ފައިލްކުރާ މައްސަލަތަކަކީ އިތުރު ހެއްކެއް ލިބިއްޖެ ނަމަ އަނެއްކާ ވެސް ތަހުގީގު ފަށާ މައްސަލަތަކެވެ.
މައްސަލައިގެ ތަހުގީގު ހުއްޓާލިއިރު، އަލީ ހަމީދަށް ހަމަލާދޭން އުޅުނީ ކޮން ބައެއްކަން ހޯދިފައެއް ނުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.
އަލީ ހަމީދު ދިރިއުޅުއްވާ ގެކޮޅަށް ވަދެ އޭނާ އަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދެ މީހުންގެ ގްރޫޕަކުން ކަމަށް އެއިރު ބުނެފައި ވެއެވެ. އަދި ދޮރާއި ފާރާ ދޭތެރޭގައި އަލީ ހަމީދު ތާށިވެ ކަކުލަށާއި އަތަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަލީ ހަމީދަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، އަލީ ހަމީދު ދިރިއުޅުއްވާ އެޕާޓްމެންޓުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަ އެވެ. އަދި އެޕާޓްމެންޓަށް ވަންނަ މީހުންނާއި ނިކުންނަ މީހުން ބެލުމަށް ސީސީޓީވީ ކެމެރާއެއް ވެސް ފުލުހުން ހަރުކޮށްފައި ވެއެވެ.