ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަނުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
ހޯމަ ދުވަހުގެ ރޭ އަދާލަތު ޕާޓީން އާންމުކުރި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޚަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަށް ލާބަހުރި ގޮތަކަށް މެނުވީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށްފައިވަނީ ގާނޫނު އަސާސީގެ ދަށުން ލާޒިމް ކުރާ އިންތިޚާބް ބޭއްވުމުގެ ބަދަލުގައި ވަކި މީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމު ހަވާލު ކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން އިތުރަށް ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި އިހުމާލުވެފައި ވާކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ބާއްވަން ލާޒިމްކުރާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅާއިގެންފައި ވާތީ، އެޕްރީލް މަހު ބޭއްވުމަށް އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަކީ ނުހައްގުން ފޭރިގެންފައިވާ އިންތިޚާބެއްގައި ސައްހަކަމުގެ ސިއްކަ ޖަހައިދިނުން ކަމުގައި އެ ޕާޓީއަށް ގަބޫލުކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، ދިވެހިރައްޔިތުންގެ ކިބައިން ނުހައްގުން އިންތިޚާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައިލަތާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ މިއެންމެހާ އަނިޔާވެރި، ގާނޫނާއި ޚިލާފު، ބޭއިންސާފު ޖަރީމާތަކަށް، އިންކާރުކޮށް، އިހުތިޖާޖުކުރުމުގެ ގޮތުން އިންތިޚާބުގައި އެ ޕާޓީން ވާދަނުކުރުމަށް ނިންމީ ކަމަށެވެ.
އަދާލަތު ޕާޓީން ކުރިން ބުނެފައި ވަނީ އެ ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ދަށުން އެމްޑީޕީއާ ގުޅިގެން ކަމަށެވެ. އެމްޔޫއޯގެ ގޮނޑިތައް ބަހާފައި ވަނީ ވެސް ދެ ޕާޓީން މަޝްވަރާކޮށްގެންނެވެ.